ENGLISH
02 ޖުލައި 2025
ޙަމަލާތައް ހުއްޓައިލުމަށް ޔޫކްރޭނާއި ރަޝިޔާއިން އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިއްޖެ: ޓްރަމްޕް
26 އޭޕްރީލު 2025
|
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔުކްެރޭނުގެ ރައީސް ޒެލެންސްކީ.
ރަޝިޔާ އާއި ޔޫކްރޭނުން ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، އެ މަނިކުފާނުގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޯފް، ރަޝިޔާގެ ރައީސް ވްލެޑިމިޔަރ ޕޫޓިންއާ އެކު ބޭއްވި ބައްދަލުވުމުގެ ކުޑަވަގުތުކޮޅެއް ފަހުންނެވެ.
ހަނގުރާމަ ހުއްޓައިލުމަށް ކުރެވެނު މަޝްވަރާތަކަށް "ވަރަށް ރަނގަޅު" ދުވަހެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވިއިރު، ޔޫކްރޭނުގެ ބައިވެރިވުމެއް ނެތި ބޭއްވި މަޝްވަރާތަކުގައި "ބިނާކުރަނިވި" ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރަޝިޔާއިން ވެސް ވަނީ ބުނެފައެވެ.
އޭގެކުރިން، ޓްރަމްޕް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަ ހުއްޓައިލުމުގެ މައިގަނޑު ކަންތައްތަކަށް އެއްބަސްވެފައިވާ ކަމަށެވެ.
އަދި އެ މަނިކުފާނު ވަނީ ރަޝިޔާ އާއި ޔޫކްރޭނުގެ އެންމެ މަތީ ފަންތީގެ އޮފިޝަލުން ބައްދަލުކުރައްވައި، އެ އެއްބަސްވުން ކޮޅެއްގެ ޖައްސަން ގޮވާލައްވައިފައެވެ.
ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ ވިދާޅުވީ، އެއްވެސް ޝަރުތަކާ ނުލައި ޙަމަލާތައް ހުއްޓައިލަން ރަޝިޔާއަށް ބައިނަލްއަޤުވާމީ ޕްރެޝަރު އިތުރުކުރަންޖެހޭ ކަމަށެވެ.
އަދި މި ހަނގުރާމައިގެ ތެރެއިން ޔޫކްރޭނުން ހިފާފައިވާ ރަޝިޔާގެ ސަރަޙައްދުތަކުން ފޭބުމާމެދު ވިސްނާނީ ވެސް، އެއްވެސް ޝަރުތަކާ ނުލައި ޙަމަލާތައް ހުއްޓައިލަން ރަޝިޔާއިން އެއްބަސްވާނަމަ ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.
މި ހަނގުރާމައަށް ތިން އަހަރު ދުވަސްވެފައިވާއިރު، ޔޫކްރޭނުން ކުއްލި ގޮތަކަށް ދިން ޙަމަލާތަކެއްގައި ރަޝިޔާގެ 20 ޕަސެންޓު ސަރަޙައްދުތައް ވަނީ ޔޫކްރޭނުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.
ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމެއްގައި، އެ ސަރަޙައްދުތަކުން ޔޫކްރޭނު ސިފައިން ފޭބުމަކީ ރަޝިޔާއިން ކުރިމަތިކޮށްފައިވާ ޝަރުތެކެވެ.
ނަމަވެސް، މިފަދަ އެއްބަސްވުމަކާ ގުޅިގެން ސީދާ ޒެލެންސްކީއާ މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ޕޫޓިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ފުރަތަމަ ފަހަރަށް ދެއްވައިފައެވެ.
މި ހަނގުރާމަ ވެރިކަމަށް ވަޑައިގަންނަވާތާ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ނިމުމަކަށް ގެންނަވާނެކަމަށް ޓްރަމްޕް ވަނީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.
ނަމަވެސް، އެކަން ހާޞިލްނުވެ ދިގުލައިގެން ދިޔުމުގެ ސަބަބުން، ޓްރަމްޕް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެކި ފަހަރު މަތިން ރަޝިޔާގެ އިތުރުން ޔޫކްރޭނަށް ވެސް އިންޒާރުތައް ދެއްވައިފައެވެ.