ENGLISH

02 ޖުލައި 2025

Advertisement

އިންޑިޔާގެ ވަޤުފް ބިންތަކާގުޅޭ ޤާނޫނާ ދެކޮޅު މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް

14 އޭޕްރީލު 2025

|

ހަސަން އާމިރު

އިންޑިޔާގެ މުސްލިމުންގެ ވަޤްފު ބިންތަކުގެ މައްޗަށް ސަރުކާރަށް ބާރު ފޯރުވޭ މިންވަރު އިތުރުކޮށް މި ފަހުން ޤާނޫނަށް ގެނައި އިސްލާޙާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެއްޖެއެވެ.

އިންޑިޔާގެ ވަޤުފް ބިންތައް ބެލެހެއްޓުމަށް 1995 ވަނަ އަހަރު ވުޖޫދުކޮށްފައިވާ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު، އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.

އިންޑިޔާ ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ޤާނޫނު އިސްލާޙުކުރީ މުސްލިމުންގެ ވަޤުފް މުދާތައް ބަލަހައްޓައި ބާރުގަދަ ބޯޑުތައް ޖަވާބުދާރީ ކުރުވައި، ހާމަކަން ބޮޑުގޮތެއްގައި އެ ކަންކަން ކުރެވޭނެ މަގު ފަހިކުރުމަށެވެ.

ނަމަވެސް، އިންޑިޔާގެ އިދިކޮޅު ފަރާތްތަކުން އިސްވެ ވަނީ އެކަން ޤަބޫލުކުރަން ދެކޮޅު ހަދައިފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މި ޤާނޫނުގެ ސަބަބުން މުސްލިމުންގެ މުހިންމު ބިނާތަކާއި މިސްކިތް ފަދަ ތަންތަން ސަރުކާރަށް ނެގުމުގެ ބާރު ލިބެއެވެ.

އެއާއެކު، އިންޑިޔާގެ މުސްލިމުން ގިނަ ސަރަޙައްދުތަކުގައި ގިނަ ބަޔަކު ވަނީ މުޒާހަރާއަށް ނުކުމެފައެވެ. މިގޮތުން، މުރުޝިދުބާދު ސަރަޙައްދުގައި މި މަހުގެ 8 ވަނަ ދުވަހު ފެށި މުޒާހަރާތައް ހޫނުވެ، ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގައިފައެވެ.

މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި، އެ ކުރިމަތިލުންތަކުގައި ފުލުހުންގެ ވެހިކަލްތަކުގައި ރޯކޮށް، އާންމު ތަންތަނަށް ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ.

އެ ހަމަނުޖެހުންތަކުގައި މިހާތަނަށް ތިން މީހަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ސިފައިން ވެސް ނެރެފައިވާއިރު، މުޒާހަރާގެ ތެރެއިން ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައި 150 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު