ENGLISH
02 ޖުލައި 2025
ބޮޑުކުރި ޑިޔުޓީން އިލެކްޓްރޯނިކް ސާމާނު އިސްތިސްނާ ކުރީ ވަގުތީ ގޮތުން، އެއްވެސް ބަޔަކަށް ލުޔެއް ނުލިބޭނެ: ޓްރަމްޕް
14 އޭޕްރީލު 2025
|
އެމެރިކާއަށް ބޭރު ޤައުމުތަކުން އެތެރެކުރާ ސްމާޓްފޯނާއި ކޮމްޕިޔުޓަރު ފަދަ އިލެކްޓްރޯނިކް ސާމާނު، މި ފަހުން ބޮޑުކުރި ޑިޔުޓީގެ ލިސްޓުން އިސްތިސްނާކޮށްފައިވަނީ ވަގުތީ ގޮތުން ކަމަށާއި ޑިޔުޓީ ބޮޑުކުރުމުގެ ސިޔާސަތުން އެއްވެސް ބަޔަކަށް ލުޔެއް ނުދެއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން އޮފީހުން ޝާއިޢުކުރި އިސްތިސްނާގައި، އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން 145 ޕަސެންޓު ޑިޔުޓީ ނަގަން ނިންމާފައިވާ ތަކެތީގެ ތެރޭގައި ޗައިނާއިން ގެންނަ ސްމާޓްފޯނު ފަދަ އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނެއެވެ.
އެއީ ޗައިނާއަށް އަމާޒުކޮށް ނުސީދާކޮށް ނިންމި ނިންމުމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނަމަވެސް، ޓްރަމްޕް ވިދާޅުވީ އެ ނިންމުން ބަޔަކު އޮޅުވާލައިގެން އުޅޭ ކަމަށާއި، އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކޮށްފައިވަނީ އެ ތަކެއްޗަށް ކަނޑައަޅާނެ ޑިޔުޓީއާ މެދު ގޮތެއް ނިންމެންދެން ވަގުތީ ގޮތުން ކަމަށެވެ.
"އެއްވެސް ބަޔަކު މި ކަމުން ސަލާމަތެއް ނުވާނެ. ޚާއްސަކޮށް ޗައިނާއަށް އެއްވެސް ލުޔެއް ނުލިބޭނެ. ޗައިނާއަކީ އަޅުގަނޑުމެންނާ މެދު އެންމެ އިހާނެތިކޮށް ޢަމަލުކުރާ ޤައުމު،" ޓްރަމްޕް ވިދާޅުވިއެވެ.
އިސްތިސްނާ ލިސްޓުގައި އެމެރިކާއިން ހިމެނި ހާޑް ޑްރައިވާއި ކޮމްޕިއުޓާރ ޕްރޮސެސަރު ފަދަ ގިނަ އުފެއްދުންތަކަކީ އާންމުގޮތެއްގައި އެމެރިކާގައި އުފައްދާ ތަކެއްޗެއް ނޫނެވެ.
މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، އެކި ފަހަރުމަތިން ޑިޔުޓީ ބޮޑުކުރަމުން އައިސް، ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ މިހާރު ވަނީ 145 ޕަސެންޓުން މައްޗަށް ޖައްސައިފައެވެ.
އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކުރުމަކީ، ރަނގަޅު މިސްރާބަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށް، ޑިިޔުޓީ ބޮޑުކުރަން ނިންމި ނިންމުން ބާތިލުކުރަން ޗައިނާއިން ވަނީ ގޮވާލައިފައެވެ.
ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކަށް ޓްރަމްޕް އިޢުލާނުކުރެއްވި ޑިޔުޓީގެ އިންސައްތައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.
މިގޮތުން، ޔޫރަޕުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޤައުމުތަކަށް ވެސް 20 ޕަސެންޓުން ޑިޔުޓީ ބޮޑުކުރަން އެމެރިކާއިން އޮތީ ނިންމައިފައެވެ.
ބާކީ ތިބި ގިނަ ޤައުމުތަކުން އެތެރެކުރާ މުދަލުން 10 ޕަސެންޓުން ޑިޔުޓީ ވަނީ ބޮޑުކޮށްފައެވެ.
ނަމަވެސް، ދުނިޔޭގެ ބާޒާރަށް އެރި ލޮޅުންތަކާ އެކު، ޓްރަމްޕް ވަނީ އޭގެތެރެއިން ގިނަ ޤައުމުތަކަށް ޑިޔުޓީ ބޮޑުކުރުން 90 ދުވަހަށް ފަސްކުރަން ނިންމަވައިފައެވެ.