ENGLISH
02 ޖުލައި 2025
އެމެރިކާގެ އިޙްލާސްތެރި ނިޔަތް ސާބިތުކޮށްދީފިނަމަ ނިޔުކްލިޔަރ އެއްބަސްވުމަކަށް ދެވިދާނެ: އީރާން
09 އޭޕްރީލު 2025
|
ކުރިއަށް އޮތް މަޝްވަރާތަކުގައި އެމެރިކާގެ އިޚްލާސްތެރި ނިޔަތް ސާބިތުކޮށްދީފިނަމަ، ނިޔުކްލިޔަރ އެއްބަސްވުމަކާ ހަމައަށް ދެވިދާނެކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވިދާޅުވި ގޮތުގައި، އީރާނުގެ މައިގަނޑު ބޭނުމަކީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުން ކަމަށެވެ.
އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ އީރާނުން ކުރިއަށް ގެންދާ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ ގޮތުން އެ ޤައުމާ އެކު ސީދާ މަޝްވަރާތައް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
ނަމަވެސް، އަރާޤްޗީ ވިދާޅުވީ އޮމާނުގައި ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފް އާއެކު ކުރިއަށްދާނީ ނުސީދާ މަޝްވަރާތަކެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކުގައި އެމެރިކާގެ އިޙްލާސްތެރި ނިޔަތް ދައްކުވައިދީފިނަމަ، ރަނގަޅު ނަތީޖާއެއް ނެރެވޭނެ އެވެ.
"ބޯޅަ އޮތީ އެމެރިކާގެ ކޮޅުގައި،" އަރާޤްޗީ ވިދާޅުވިއެވެ.
ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި ވަނީ 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ވެފައިވާ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިކޮށްފައެވެ. އެއަށް ފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެމެރިކާއިން އެ ގޮތަށް ޢަމަލު ކުރުމުން އީރާނުން ވަނީ ނިއުކްލިއަރ އެއްބަސްވުމާ ޚިލާފަށް ޢަމަލު ކުރަން ފަށައި، ނިއުކްލިއަރ ބާރަކަށް ވުމުގެ މަސައްކަތް އަވަސްކޮށްފައެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތްހާ ހިނދަކު އެމެރިކާއާ އެކު ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށް އީރާނުގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ޓްރަމްޕް ގެންދަވަނީ އީރާނުގެ ނިއުކްލިޔަރ ޕްރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާއިން ބޭނުންވާ ކަމަށް ވިދާޅުވެ، އެކަމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.