ENGLISH

02 ޖުލައި 2025

Advertisement

އެހީ ވެއްދުން ބަންދުކޮށް، މީހުން ގަތުލުކުރުމުގެ މައިދާނަކަށް ޣައްޒާ ބަދަލުކޮށްލައިފި: އދ.ގެ ވެރިޔާ

09 އޭޕްރީލު 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާއަށް އެހީ ވެއްދުމުގެ ހުރިހާ މަގުތަކެއް އިޒްރޭލުން ބަންދުކޮށް، އެތަނުގައި ދިރިއުޅޭ މައުސޫމް ރައްޔިތުން "ގަތުލުކުރުމުގެ މައިދާނަކަށް" ޣައްޒާ ބަދަލުކޮށްފައިވާ ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އޮންޓޯނިޔޯ ގުޓެރޭސް ވިދާޅުވެއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

"ޣައްޒާއަށް އެއްވެސް އެހީއެއް ނުވެއްދޭތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވީ. ކާބީތަކެއްޗެއް ނެތް. ތެލެއް ނެތް. ބޭހެއް ނެތް. އާންމުކޮށް ބޭނުންކުރާ އެއްވެސް ބާވަތެއް ނެތް. އެހީ ހުސްވާން ފެށުމާއެކު ބިރުވެރިކަން އަނެއްކާވެސް ވަނީ އިތުރުވެފައި،" ގުޓެރޭސް ނޫސްވެރިންނަށް ވިދާޅުވިއެވެ.

ގުޓެރޭސް ވިދާޅުވީ ގޮތުގައި، ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން، ހަނގުރާމައިގެ ޙާލަތެއްގައި ވެސް، ކާބޯތަކެއްޗާއި ބޭސްފަރުވާ ފޯރުކޮށްދިނުމަކީ އިސްތިޢުމާރީ ބާރުގެ ޒިންމާއެކެވެ.

"ނަމަވެސް، އެފަދަ އެއްވެސް ކަމެއް ނުކުރޭ. ޣައްޒާއަށް އެއްވެސް އެހީއެއް ވެއްދުމުގެ ފުރުޞަތެއް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.

ޣައްޒާއަށް އެހީ ވައްދަން އިޒްރޭލުން ހުށަހަޅާފައިވަނީ ޙަމާސް ޖަމާޢަތަށް އޭގެ ނާޖާއިޒު ފައިދާ ނުނެގޭނެ ގޮތަކަށެވެ. އިޒްރޭލުން ބޭނުންވަނީ، ޣައްޒާގެ ރައްޔިތުންނަށް ކިރިޔާ ބޭނުންވާ ވަރަށް، ރޭޓު ބަލައިގެން، ހަރުކަށި ކޮންޓްރޯލެއްގެ ދަށުން އެކަން ކުރާށެވެ.

ނަމަވެސް، އިންސާނީ ހައްޤުތަކާބެހޭ ބައިނަލްއަޤުވާމީ އުޞޫލުތަކާ ޚިލާފު މިފަދަ ލާއިންސާނީ އިންތިޒާމެއްގައި އދ.އިން އެއްބަސްވެ، ބައިވެރިނުވާނެކަމަށް ގުޓެރޭސް ތަކުރާރުކޮށް ވިދާޅުވިއެވެ.

އެއާއެކު އޭނާ ވަނީ، ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން އިއާދަކޮށް، މިހާރުން މިހާރަށް އެހީ ވެއްދޭނެ މަގުފަހިކޮށްދިނުމަށް އިޒްރޭލުގެ އިތުރުން މުޅި ދުނިޔެއަށް ގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު