ENGLISH

02 ޖުލައި 2025

Advertisement

ޓްރަމްޕްގެ ނިންމެވުމުގެ ރައްދުގައި، އެމެރިކާގެ މުދަލުން ޗައިނާއިން 34 ޕަސެންޓުން ޑިޔުޓީ ބޮޑުކޮށްފި

05 އޭޕްރީލު 2025

|

ހަސަން އާމިރު

ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމުމުގެ ރައްދުގައި، އެމެރިކާއިން މުދަލުން 34 ޕަސަންޓުން ޑިޔުޓީ ބޮޑުކުރަން ޗައިނާއިން ނިންމައި، އެކަން އިޢުލާނުކޮށްފިއެވެ.

އެމެރިކާގެ އިޤްތިޞާދުގެ މިނިވަން ދުވަހުގެ ގޮތުގައި ސިފަކުރައްވައި، ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކަށް ޓްރަމްޕް އިޢުލާނުކުރެއްވި ޑިޔުޓީގެ އިންސައްތައިގެ ސަބަބުން ދުނިޔެ އިޤްތިޞާދީ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.

އެމެރިކާގެ އެންމެ ވާދަވެރި ޗައިނާއަށް 34 ޕަސެންޓް، ޔޫރަޕުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޤައުމުތަކަށް 20 ޕަސެންޓު އަދި ޖަޕާނުން އެތެރެކުރާ މުދަލުން 24 ޕަސެންޓުން ވަނީ ޑިޔުޓީ ބޮޑުކޮށްފައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، ޑިޔުޓީގެ އިންސައްތަ އެންމެ ބޮޑުކޮށްފައިވަނީ، އެމެރިކާއަށް އެންމެ އިހާނެތިކޮށް ހަދާ ޤައުމުތަކަށެވެ.

ޗައިނާގެ މުދަލުން މީގެކުރިން ނަގަމުން އައި 20 ޕަސެންޓުގެ ޑިޔުޓީގެ އިތުރަށް ނަގާ 34 ޕަސެންޓާ އެކު، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން މިހާރު 54 ޕަސެންޓުގެ ޑިޔުޓީއެއް ނަގާނެއެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން އިއްޔެ ބުނީ، ޑިޔުޓީ ބޮޑުކުރަން ނިންމި ނިންމުމަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެ ކަމަށެވެ. އެމެރިކާއިން ކުރިން ޑިޔުޓީ ބޮޑުކުރުމުގެ ރައްދުގައި، ޗައިނާއިން މިހާރު ވެސް ވަނީ އެމެރިކާގެ ބައެއް މުދަލުން 15 ޕަސެންޓުން ޑިޔުޓީ ބޮޑުކޮށްފައެވެ.

ޑިޔުޓީ ބޮޑުކުރުމުގެ އިތުރުން، ގުދުރަތީ ބައެއް މައުދަނުތައް އެމެރިކާއިން އެތެރެކުރުން ވެސް ޗައިނާއިން މިހާރު ވަނީ ލިމިޓުކޮށްފައެވެ.

އަދި އެމެރިކާގެ ބައެއް ކުންފުނިތަކަށް ވެސް ޗައިނާގައި ވިޔަފާރިކުރުމާއި މުދާ އެތެރެކުރުމަށް ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައި، އިތުރަށް ތާށިކޮށްފައެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނީ މި ފިޔަވަޅުތައް އަޅާފައިވަނީ ޗައިނާގެ ވިޔަފާރީގެ މަސްލަޙަތު ހިމާޔަތްކުރުމުގެ އިތުރުން ޤައުމުގެ ސަލާމަތާއި އިސްތިޤުލާލު ރައްކާތެރި ކުރުމަށް ކަމަށެވެ.

ކުއްލި ގޮތަކަށް ޑިޔުޓީ ބޮޑުކުރަން ޓްރަމްޕްގެ ނިންމެވުމަކީ، ބައިނަލްއަޤްވާމީ ވިޔަފާރީގެ އުޞޫލުތަކާ ޚިލާފު ޢަމަލެއް ކަމަށް ބުނެ، ޗައިނާއިން ވަނީ ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާ، ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) އަށް ރަސްމީކޮށް ޝަކުވާއެއް ހުށަހަޅައިފައެވެ.

ޓްރަމްޕްގެ އެ ނިންމެވުމާއެކު މުޅި ދުނިޔޭގެ ވިޔަފާރި އާއި މާލީ ބާޒާރަށް ވަނީ ލޮޅުން އަރައިފައެވެ. އަދި އެމެރިކާއަށް ރައްދު ދިނުމަށް އެހެން ޤައުމުތަކުން ޑިޔުޓީ ބޮޑުކުރަން ފަށައިފިނަމަ، ދުނިޔޭގެ އިޤްތިޞާދީ ބޮޑު ހަނގުރާމައެއް ފެށި، ދުނިޔޭގެ ބާޒާރަށް ބޮޑެތި ގެއްލުންތައް ލިބޭނެކަމުގެ އިންޒާރު އިޤްތިޞާދީ މާހިރުން ދަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު