ENGLISH

27 މާރިޗު 2025

Advertisement

ފަހު 10 ގައި ދަމުނަމާދު ކުރާ މިސްކިތްތަކާއި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ޢާއްމުކޮށްފި

12 މާރިޗު 2025

|

ޢަލީ ޝަހީމް

މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި، އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާއްމުކޮށް އިއުލާނުކޮށްފިއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ވާގޮތުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 34 މިސްކިތެއްގައި މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ދަމުނަމާދު ކުރާނެއެވެ. 

އެ ވުޒާރާއިން އާއްމުކޮށްފައިވާ ލިސްޓުގައި ދަމުނަމާދު ކުރުމަށް ކަނޑައަޅާފައިވާ 34 މިސްކިތުގެ ތެރެއިން މާލޭގެ 21 މިސްކިތް ހިމެނެއެވެ. ވިލިމާލޭގެ ތިން މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގެ 10 މިސްކިތެއްގައި ދަމުނަމާދު ކުރާނެއެވެ. އެގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ހަ މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ ފިޔަވަހީގައި ދަމުނަމާދު ކުރާނީ ހަތަރު މިސްކިތެއްގައެވެ. 

މާލެ ސަރަހައްދުގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވަނީ 23 މިސްކިތެއްގައެވެ. އެއީ މާލޭގެ 15 މިސްކިތާއި ވިލިމާލޭގެ އެއް މިސްކިތުގެ އިތުރުން ހުޅުމާލޭގެ ހަތް މިސްކިތެވެ. 

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފަސް މިސްކިތުގައި އިޢުތިކާފަށް ތިބެވޭގޮތަށް ހަމަޖައްސާފައިވާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިޢުތިކާފަށް ތިބޭގޮތަށް ހަމަޖައްސާފައިވަނީ ދެ މިސްކިތެއްގައެވެ. 

މާލޭގައި ދަމުނަމާދު ކުރުމާއި އިޢުތިކާފަށް ތިބުމަށް ހަމަޖެއްސި ފާހަގަކޮށްލެވޭ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގެ އިތުރުން ވިޔަފާރިވެރިންގެ މިސްކިތާއި ފުރުޤާން މިސްކިތް އަދި ނޫރު މިސްކިތް ހިމެނެއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުހިއްމު ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން މާލެ އާއި އަތޮޅުތަކުގައި އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދިއުމުގެ އިތުރުން، މިސްކިތްތަކުގައި ސިލްސިލާ ދަރުސްތައް ކުރިއަށްގެންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު