ENGLISH
25 ޖުލައި 2026
އަމީނީ މަގު މަރާތުކުރުމުގެ މަސައްކަތް އަންނަ ހަފުތާ ފަށާނެ
25 ޖުލައި 2026
|
އަަމީނީ މަގުގެ ބައެއްގެ ތާރު ވިރައިގެން ގޮސް އަޑިގުނޑަންވެފައި، ފޮޓޯ: އެކި އޮންލައިން
އެންމެ މަޤްބޫލު
ފާއިތުވި އެމްޑީޕީ ވެރިކަމުގައި ތަރައްގީކުރި އަމީނީ މަގުގެ ވަރަށް ބޮޑު ބައެއް ހަލާކުވެފައި އޮތުމާ ގުޅިގެން އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފުތާ ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
ކުރީ ސަރުކާރުގައި ރޯޑްް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި އެމްޓީސީސީން ތަރައްގީކުރި އަމީނީ މަގުގެ ވަރަށް ބޮޑު ބައެއްގައި ތާރުގަނޑު އުފުލުމާއި، ތާރު ކަނޑައިގެން ދިއުން ފަދަ މައްސަލަަތައް ކުރިމަތިވެ، ވަރަށް ބޮޑަށް މަގު ހަލާކުވެފައިވެއެވެ.
މި މައްސަލަތައް ފެންމަތިވުމާއެކު އަލުން އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ޖޫން 15 ވަނަ ދުވަހުއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ އެ މަގުގެ ސެގްމެންޓު 11 އަދި 12ގެ ބޮޑު ބައެއް ހަލާކުވެ މަގު ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވަނިކޮށެވެ.
އަަމީނީ މަގުގެ 13 ސެގްމެންޓުގެ ތެރެއިން ވަރަށް ގިނަ ސަރަހައްދުތައް ހަލާކުވި ނަމަވެސް އެންމެ ބޮޑަށް ހަލާކުވެފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މަސައްކަތް ނިންމައި ހުޅުވި ސެގްމެންޓު 11 އަދި 12 އެވެ. އެއީ މާފަންނު ސްޓޭޑިއަމް ހުންނަ ސަރަހައްދުގެ މަގެވެ.
މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުގެ ބައެއްގެ ތާރުގަނޑު ކަނޑައިގެންގޮސްގެން މީގެ ކުރިން މަރާމާތުކުރިއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްފަހުން އަނެއްކާވެސް އެ ސަރަހައްދުގެ ތާރުގަނޑުން ބައެއް ހަލާކުވެ އުޅަނދުފަހަރަަށް ގެއްލުންވެ މަގުގައި ނުދުއްވޭ ހާލަތަށް މަގުގެ އަޑިގުނޑަން އިތުރުވެފައިވެއެވެ.
ރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާގެ ބޮޑު ހަރަދެއް ކޮށްގެން ކުރިއަށްގެންދިޔަ އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވަނީ ޖުލައި 3، 2022 ގައި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ.
2022 ވަނަ އަހަރު އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރި ނަމަވެސް 2023 ވަނަ އަހަރު ނިމުނުއިރުވެސް އެ މަގު ހަދައި ނުނިމެއެވެ. މަގުގެ ހުރިހާ މަސައްކަތްތަކެއް ނިންމައިލެވުނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.