ENGLISH
22 ޖުލައި 2026
ޕީއެންސީން ވެރިކަމަށް އައިއިރު ސަލާމަތުން އޮތް އެއްވެސް ކުންފުންޏެއް ނެތް: މެންބަރު އައިފާން
22 ޖުލައި 2026
|
ހެންވޭރު އުތުރު ދާއިރާގެ މެންބަރ އަހްމަދު އައިފާން
އެންމެ މަޤްބޫލު
ޕީއެންސީން ވެރިކަމަށް އައިއިރު ސަލާމަތުން އޮތް އެއްވެސް ކުންފުންޏެއް ނެތްކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެއެވެ.
އައިފާން މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އައިފާން ވިދާޅުވީ އެމްޑީޕީއަކީ ގައުމަށް ދިމާވާ އެއްވެސްކަމެއްގައި ރައްޔިތުންނަށް ހެވެއް އެދިގެން ހެޔޮ ނިޔަތެއްގައި ކަމެއްކޮށްދެން އުޅޭ ބައެއް ނޫންކަމަށެވެ. މި ސަރުކާރުގެ ކުރީކޮޅު އިދިކޮޅު ފަރާތްތަކުން އެންމެ ގަދަޔަށް ދައްކަމުން އައި އެއް ވާހަކައަކީ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުކަމަށް ބުނާ ވާހަކަތައްކަމަށާއި މިހާރު ސަރުކާރުގެ ހަރަދު ކުޑަކޮށް ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރަން އުޅުމުން ފާޑުކިޔާތީ އިދިކޮޅު ފަރާތްތަކުގެ ނިޔަތާމެދު އައިފާން ސުވާލު އުފެއްދެވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ގިނަ ކުންފުނިތައް އޮތީ ބަނގުރޫޓުވާ ހާލަތުގައިކަމަށް އައިފާން ވިދާޅުވިއެވެ. އައިފާން މިފަދައިން ވިދާޅުވިއިރު 2023 ވަނަ އަހަރުގެ ސީޖީޓީއައިއިން ދައްކާ ގޮތުގައި 32 އެސްއޯއީގެ ތެރެއިން 20 އެސްއޯއީއަށް ވުރެ ގިނަ އެސްއޯއީއަށް ވަނީ 40 އިންސައްތައަށް ވުރެ ދަށުން މާކްސް ލިބިފައެވެ. އަދި އެއްވެސް އެސްއޯއީއަކަށް 80 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިފައެއް ނުވެއެވެ. އެންމެ ހަ އެސްއޯއީ ރަނގަޅު ކަމަށް ރޭޓް ކޮށްފައިވާއިރު ފަސް އެސްއޯއީ އަކީ އިމްޕްރޫވަބަލް ކަމަށް ރޭޓްކޮށްފައިވާ އެސްއޯއީތަކެވެ. އެއާއެކު ސަރުކާރުގެ އެންމެ ފުރަތަމަ މަސައްކަތަކަށްވީ ކުންފުނިތައް ރިފޯމްކޮށް އަމިއްލަ ފައިމައްޗަށް ނެގުމުގެ މަސައްކަތެވެ.
"އަޅުގަނޑުމެން ވެރިކަމަށް އައިއިރު ރާއްޖޭގައި ސަލާމަތުން އޮތް އެއްވެސ ކުންފުންޏެއް ނެތް، ތަފާސް ހިސާބުތައް ބައްލަވާ، ރާއްޖޭގައި ސަރުކާރު ހިއްސާވާހެން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏަކަށް ފައިދާއެއް ނުވޭ، އެއީ ކީއްވެގެންތޯ؟ އެމްޑީޕީ ސަރުކާރުން ކަންކުރި ގޮތުން އެބޭފުޅުންގެ ދޯހަޅި ސިޔާސަތުގެ ސަބަބުން،" އައިފާން ވިދާޅުވިއެވެ.
މިކަމުގެ މިސާލު ދައްކަވަމުން އައިފާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމިނުގެ ވެރިކަން ނިމުނުއިރު ފެނަކައިގައި ތިބޭނީ 2،000 އެއްހައި މުވައްޒަފުން ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި މުވައްޒަފުންގެ އަދަދު 8،000 އަށް އަރުވާލިކަމަށެވެ. މިހާ ގިނަ އަދަދެއްގެ މުވައްޒަފުން ކުންފުންނަކަށް ވެއްދި ސަބަބުވެސް އެމްޑީޕީއަށް ބުނެދެވިފައިނުވާކަމަށް މެމްބަރު ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާއިން ވަކިކުރިކަމަށް ބުނެ 65 މީހެއްގެ މައްސަލަ ކޯޓަށް ހުށަހަޅައި، އެމްޑީޕީން ތައްޔާރުވަމުންދަނީ އެމީހުންނަށް ގާނޫނީ އެހީތެރިކަން ދިނުމަށެވެ. އެމްޑީޕީން މި މައްސަލަ ފެންމަތިކޮށް ސަރުކާރަށް ފާޑުކިޔަމުން އަންނަނީ ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހު އެންގުމާ ގުޅިގެންނެވެ. މި ބަދަލު ގެނައުމަށް ކުންފުނިތަކަށް ދީފައިވަނީ ތިން މަސްދުވަހުގެ މުއްދަތެކެވެ.
އެމްޑީޕީގެ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި އެކިއެކި ސިޔާސީ މަގާމުތަކުގައި ހާހަކަށްވުރެ ގިނަ މީހަކު ތިބިކަން ހާމަވެ ފާޑުކިޔުން ބޮޑުވިއެވެ.
ކުންފުނިތައް ރައިޓް ސައިޒުކުރުމާއި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ. އަދި އެކަން ތަންފީޒުކުރުމުގެ ގިނަ މަސައްކަތްތަކެއް މިހާރު އަންނަނީ ކުރަމުންނެވެ.