ENGLISH
22 ޖުލައި 2026
އައްޑޫ ސިޓީ ފޭދޫ އިސްރަށްވެހިންގެ ނާދީ މިއަހަރުގެ ނިޔަލަށް ނިންމަނީ
22 ޖުލައި 2026
|
އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދިޔަ ހަރަކާތެއްގެ ތެރެއިން - ފޮޓޯ:ސިއްހަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
އައްޑޫ ސިޓީ ފޭދޫގައި ތަރައްގީކުރާ އިސްރަށްވެހިންގެ ހިޔާވަހީގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދިން ހާއްސަ ބަސްދީގަތުމެއްގައި، ސިއްހަތާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ އޮފް ސޯޝަލް ޕޮލިސީ ދިފްލާ ރައޫފް ވިދާޅުވީ، ފޭދޫގައި ތަރައްގީކުރާ އިސްރަށްވެހިންގެ މަރުކަޒުގެ އަމަލީ މަސައްކަތް މިއަހަރުގެ ކުރީކޮޅުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އިމާރާތުގެ ހުރިހާ މަސައްކަތެއް ނިންމާލުން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގައި ދޮށީ އުމުރުގެ މީހުން އިތުރުވަމުންދާ ނިސްބަތަށް ރިއާޔަތްކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ ތިން ސަރަހައްދެއްގައި "އޭޖެންޑް ކެއަރ ސެންޓަރު" ތަކެއް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ހަލުވި ދުވެލީގައި ކުރަމުންނެވެ.
"ފޭދޫގައި ގާއިމުކުރާ މި މަރުކަޒަކީ އިސްރަށްވެހިންނަށް ބޭނުންވާ ރައްކާތެރި ބޯހިޔާވަހިކަމުގެ އިތުރުން، އެފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު ޕްރޮގްރާމްތަކާއި ޚިދުމަތްތައް ފޯރުކޮށްދޭނެ ތަނެއް. އުންމީދަކީ ނޮވެމްބަރު މަހުގެ ތެރޭގައި އެތަނުން ޚިދުމަތް ދޭން ފެށުން" ދިފްލާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ށ. ފުނަދޫގައި ބިނާކުރާ އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ކ. ތުލުސްދޫގައި ގާއިމުކުރާ ހިޔާވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
ސިއްހަތާއި ބެހޭ ވުޒާރައިން މައުލޫމާތު ދިން ގޮތުގައި، މި މަރުކަޒުތަކުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ޚާއްސަ އަޅާލުން ބޭނުންވާ އިސްރަށްވެހިންނަށް އެއް ފުރާޅެއްގެ ދަށުން ޞިއްޙީ ފަރުވާއާއި، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ތަންތަނުގައި މެޑިކަލް ވޯޑުތަކާއި، ފިޒިއޮތެރަޕީ އަދި ކޮންސަލްޓޭޝަން ރޫމްތަކުގެ އިތުރުން، ލައިބްރަރީއާއި އެކި ހަރަކާތްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނެއެވެ.