ENGLISH
21 ޖުލައި 2026
ހުޅުމާލެ ފޭސް 2 ގެ ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް މާދަމާ ފަށަނީ
20 ޖުލައި 2026
|
އެންމެ މަޤްބޫލު
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، އެ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މި މަސައްކަތްތައް ކުރުމަށް ތާވަލްކުރެވިފައިވަނީ މި މަހުގެ 21 އިން ފެށިގެން 31 ގެ ނިޔަލަށް ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިންގ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަޙައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނީގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށާއި، އަދި މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަންކަން ކަމުގައިވާތީ، އެކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ސްޓެލްކޯ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.