ENGLISH
21 ޖުލައި 2026
މިދިޔަ ތިން މަހު ގެވެށި އަނިޔާގެ 200 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފި
20 ޖުލައި 2026
|
ގެވެށި އަނިޔާގެ ޤާނޫނު ތަންފީޒުކުރާ އިދާރާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ. ގެވެށި އަނިޔާގެ މައްސަލަތައް ވަނީ ގިނަވެފައި. ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ 200 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެޗް.ޕީ.އޭ) އިން ހާމަކޮށްފިއެވެ.
އެފް.ޕީ.އޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ 236 މައްސަލައެއް އެ އޮތޯރިޓީއަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި އެފް.ޕީ.އޭ އަށް ސީދާ ހުށަހެޅުނު މައްސަލަތަކާއި އެހެނިހެން މުއައްސަސާތަކުން ރިފަރ ކުރި މައްސަލަތައް ހިމެނޭއިރު، ޖުމްލަ ރިފަރަލްތަކުގެ އަދަދު އުޅެނީ 258 ގައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހުށަހެޅުނު މައްސަލަތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން 59.3 އިންސައްތަ މައްސަލަ މާލެ ސަރަހައްދުން ރިޕޯޓުކޮށްފައިވާއިރު، އަތޮޅުތަކުގެ ތެރެއިން ށ. އަތޮޅާއި ހދ. އަތޮޅުން ހުށަހެޅި މައްސަލަތައް ނިސްބަތުން ގިނަކަން ފާހަގަކުރެވެއެވެ.
އަނިޔާ ލިބުނު ފަރާތްތަކުގެ ތަފްސީލަށް ބަލާއިރު، ޖުމްލަ 208 އަންހެނުންނާއި 73 ފިރިހެނުންނަށް އަނިޔާގެ އެކި ހާދިސާތައް ކުރިމަތިވެފައިވެއެވެ. މީގެ ތެރޭގައި 18 އަހަރުން މަތީގެ 170 މީހަކާއި، 18 އަހަރުން ދަށުގެ 38 ކުޑަކުދިން ހިމެނެއެވެ. އެންމެ އާންމުކޮށް ރިޕޯޓުކޮށްފައިވަނީ ބަހުގެ ހަމަލާ ދިނުމާއި، ނަފްސާނީ ގޮތުން އަނިޔާކުރުމުގެ މައްސަލަތަކެވެ. މީގެ އިތުރުން ބިރުދެއްކުމާއި ޖިސްމާނީ އަނިޔާގެ މައްސަލަތައް ވެސް ހުށަހެޅިފައިވާކަމަށް އެފްޕީއޭ އިން ބުނެއެވެ.
ގެވެށި އަނިޔާ ހުއްޓުވުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް އެ އޮތޯރިޓީން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޞިއްޙީ ދާއިރާ، ފުލުހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި މަދަނީ ޖަމިއްޔާތަކާ ގުޅިގެން 16 އަތޮޅެއްގައި 170 އަށްވުރެ ގިނަ ހޭލުންތެރިކުރުވުމުގެ ސެޝަންތައް ބާއްވާފައިވެއެވެ. އަދި އާންމުންނަށް އަމާޒުކޮށްގެން ފަސް ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވާއިރު، ބިދޭސީ މަސައްކަތްތެރިން ހޭލުންތެރިކުރުވުމަށް ހަ ބަހަކުން ތަރުޖަމާކޮށްފައިވާ އަތްމަތީ ފޮތެއް ވެސް ނެރެފައިވެއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށް "އުދުހިލަން: އުފާވެރި ރައްކާތެރި މުޖުތަމަޢުއަކަށް" ނަމުގައި ޤައުމީ ކެމްޕޭނެއް ފަށައި، 2025 އިން 2027 އަށް އެ ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މައިގަނޑު އަމާޒަކީ ގެވެށި އަނިޔާއިން ސަލާމަތްވެފައިވާ، އަމާން އަދި ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމެވެ. މި މަޤްޞަދު ހާސިލުކުރުމުގައި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެކަން އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.