ENGLISH

21 ޖުލައި 2026

Advertisement

ޗައިނާއާއި ރަޝިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

20 ޖުލައި 2026

|

އާމިނަތު ނުޒްލާ

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން - ފޮޓޯ: ހޮޓަލިއާ މޯލްޑިވްސް

ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު، ޗައިނާ އާއި ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

މި ދެ ޤައުމަކީ މިއަހަރުގެ މިހާތަނަށްވެސް އަދި މިދިޔަ އަހަރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި އެންމެ ކުރީގައި އުޅޭ ދެ ޤައުމެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1،173،922 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.7 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓުގެ ގޮތުގައި ޗައިނާ އަދި ދެވަނައިގައި ރަޝިއާ ސާބިތުކަމާއެކު އޮތްއިރު، ވަކިވަކި މާކެޓްތަކުން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖުލައި 18 އާ ހަމައަށް ޗައިނާއިން 195،363 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 170،210 ފަތުރުވެރިންނާ އަޅާބަލާއިރު 14.7 އިންސައްތަ އިތުރު އަދަދެކެވެ. ހަމައެއާއެކު، ރަޝިއާ މާކެޓުންވެސް ވަނީ 17 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރު އެ ޤައުމުން 142،899 ފަތުރުވެރިން އައިއިރު، މިއަހަރުގެ މިހާތަނަށް 167,314 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިން ރާއްޖޭގައި މަޑުކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 834،816 ފަތުރުވެރިންނެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 262،171 ފަތުރުވެރިން، ހޮޓެލްތަކުގައި 27،523 ފަތުރުވެރިން އަދި ސަފާރީތަކުގައި 22،381 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ވުޒާރާގެ ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް ފަތުރުވެރިން އެތެރެވި މަގުތަކަށް ބަލާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 1،144،392 ފަތުރުވެރިން އެތެރެވިއިރު، ގަން އިންޓަރނޭޝަނަލް އެއާޕޯޓުން 4،355 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އެތެރެވި ބަނދަރެކެވެ.

މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖްކޮށް ދުވާލަކު 5،899 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އަންނަނީ ހަރުދަނާކަމާއެކު ކުރިއެރުންތައް ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު