ENGLISH
21 ޖުލައި 2026
އިތުރު ފަސޭހައެއް، ހުޅުމާލެ ހޮސްޕިޓަލުގައި އައު ޚިދުމަތްތަކެއް މި މަހު ފަށަނީ
20 ޖުލައި 2026
|
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް - ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
އެންމެ މަޤްބޫލު
ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ހަރުދަނާކޮށް، އައު ފަރުވާތައް ތައާރަފުކުރުމަށް ކުރިއަށްދާ މަސައްކަތްތަކުގެ ދަށުން، މި މަހުގެ 26 ގެ ކުރިން ގިނަ ޚިދުމަތްތަކެއް ފެށުމަށް ހަމަޖެހިފައިވާކަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ އަށް ދިން ހާއްސަ ބަސްދީގަތުމެއްގައި ސީއީއޯ ވިދާޅުވީ، އަލަށް ތަޢާރަފުކުރާ ޚިދުމަތްތަކުގެ ތެރޭގައި ގޮހޮރާއި މައިބަދައިގެ ބަލިތަކަށް ޚާއްޞަ އޯޕީޑީއާއި، ޔޫރޮލޮޖީ، އީއީޖީ އަދި ނާރުގެ ބަލިތަކަށް ޚާއްޞަ ކްލިނިކެއް ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ލޮލުގެ ބައްޔެއްކަމަށްވާ ގްލޮކޯމާއަށް ފަރުވާދޭން ފެށުމަށްވެސް ހަމަޖެހިފައިވާކަމަށް ރައްޒާގު ވިދާޅުވިއެވެ.
މި ޚިދުމަތްތަކާ ގުޅޭގޮތުން އިތުތަށް ސީއީއޯ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ގޮހޮރާއި މައިބަދައިގެ ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ދާންޖެހުނު ނަމަވެސް، މި ބަދަލާއެކު އެ ފަސޭހަ ހުޅުމާލެއިން ލިބިގެންދާނެއެވެ.
ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި "ގޯލްޑް ސްޓޭންޑަޑް" ޓެސްޓުތައް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވަމުން ސީއީއޯ ވިދާޅުވީ، މީގެ ސަބަބުން އެޗްއައިވީ ފަދަ ބަލިތަކުގެ ނަތީޖާ ކުރިއަށްވުރެ މާ އަވަހަށް ލިބޭނެ މަގު ފަހިވާނެ ކަމަށެވެ. މީގެ އިތުރުން، އެ ހޮސްޕިޓަލުން މިހާރުވެސް ދެމުންގެންދާ ކެންސަރު ބަލީގެ ފަރުވާ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންއަންނަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއާ އެކަށޭނަ މިންވަރަށް ސިއްޙީ ޚިދުމަތް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން، ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް ވަޞީލަތްތައް ވަނީ އިތުރުކުރެވިފައެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލަށް ގެނެވުނު ބޮޑެތި ބަދަލުތަކުގެ ތެރޭގައި، ޒަމާނީ ހަތަރު އޮޕަރޭޝަން ތިއޭޓަރު ހިމެނޭ ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫއެއްގެ އިތުރުން، ކުޑަކުދިންނަށް ޚާއްޞަ 14 އެނދުގެ އެންއައިސީޔޫއެއް ހިމެނެއެވެ. އަދި އީއާރުގެ އެނދު 7 އިން 14 އަށް އިތުރުކޮށް، ޑައިލިސިސް ޚިދުމަތްވެސް ވަނީ ފުޅާކޮށްފައެވެ.