ENGLISH
21 ޖުލައި 2026
މިއީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް އެންމެ އުނދަގޫ މުބާރާތް: ރޮޑްރީ
20 ޖުލައި 2026
|
ވޯލްޑް ކަޕުގެ ތައްޓާއެކު ސްޕެއިންގެ ކެޕްޓަން ރޮޑްރީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފު ކުޅެ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް، ސްޕެއިނުން ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް އެންމެ އުނދަގޫ މުބާރާތް ކަމަށް ސްޕެއިންގެ މެދުތެރޭގެ ތަނބު ކަމަށްވާ ރޮޑްރީ ބުނެފިއެވެ.
އުމުރުން 30 އަހަރުގެ ރޮޑްރީ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، އޭނާ ވަނީ ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ ފްރާންޒް ބެކެންބާއު އާއި، ގާޑް މުލާ އަދި ޒިނެދިން ޒިދާން ފަދަ ތަރިންގެ ލިސްޓުން ޖާގަ ހޯދާފައެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށް، ކުލަބު ފެންވަރުގައި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފަރުދީ ގޮތުން ބަލޮންޑޯ އެވޯޑު ހޯދި މަދު ކުޅުންތެރިންގެ ތެރެއިން އެކެކެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ "ގޯލްޑަން ބޯލް" އާ ހަވާލުވުމަށްފަހު ރޮޑްރީ ބުނީ، "އަހަރެމެން މިތިބީ ވަރަށް އުފަލުން. މިއީ ވަރަށް ތަފާތު ސްކޮޑެއް. މިހާރު މިއީ ދެ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމެއް. މިއީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް އެންމެ އުނދަގޫ މުބާރާތް. އަހަރެމެން މި ބަލިކުރީ ތާރީޚުދުށް އެންމެ މޮޅު ކުޅުންތެރިޔާ މެސީ ހިމެނޭ ވަރުގަދަ އާޖެންޓީނާ،" ކަމަށެވެ.
ފައިނަލް މެޗު އުނދަގޫވި ނަމަވެސް، 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ކުރީގެ ކުޅުންތެރިންނާ އެއް ސަފެއްގައި ހިމެނުމަށް އޭނާގެ ޓީމު ހައްގު ކަމަށް ރޮޑްރީ ގަބޫލުކުރެއެވެ.
ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯލް ކާމިޔާބުކުރި ރޮޑްރީ --- ފޮޓޯ: ގެޓީ
"އާޖެންޓީނާއަކީ ދުނިޔޭގެ ޗެމްޕިއަނުން. އެމީހުންނަށް މާގިނަ ފުރުސަތުތަކެއް ނުއުފެއްދޭ، އެކަމަކު އެމީހުންގެ ޑިފެންސް ފޫއަޅުވާލުމަކީ އުނދަގޫ ކަމެއް. ސްޕެއިނަކީ ހަމައެކަނި ވަރަށް މޮޅު ޓީމެއް، އެންމެ ފަހުން ލިބުނު ނަތީޖާއަކީ އިންސާފުވެރި ނަތީޖާއެއް،" ރޮޑްރީ ބުންޏެވެ.
ކަކުލުގެ ލިގަމެންޓަށް ލިބުނު ސީރިއަސް އަނިޔާއިން ސަލާމަތްވެ، ދެ އަހަރުވެސް ނުވަނީސް ވޯލްޑް ކަޕް ކާމިޔާބުކުރުމުން ރޮޑްރީގެ ކާމިޔާބީގެ ސިލްސިލާ ވަނީ ފުރިހަމަކޮށްފައެވެ. 2024 ވަނަ އަހަރު ސްޕެއިނަށް ޔޫރޯ ކާމިޔާބުކޮށްދީ އަދި މެންޗެސްޓަރ ސިޓީއާއެކު ބަލިނުވެ 74 މެޗު ހަމަކުރުމަށްފަހު، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ފޯމަށް އަލުން އެނބުރި އައުމަށް މަސައްކަތް ކުރަމުން ދަނިކޮށް މި މުބާރާތާ ކުރިމަތިލި ރޮޑްރީ ބުނީ، "މިއީ ހީވާގޮތުން ވަރަށް ފުރިހަމަ ސްކްރިޕްޓެއް. މިފަދަ ކަމަކަށް އަހަރެން އުއްމީދެއް ނުކުރަން،" ކަމަށެވެ.
"އަހަރެން ބޭނުންވަނީ އައު ޖީލުތަކުގެ ކުޅުންތެރިންނަށް ފެންނަން، ކާމިޔާބީގެ އެންމެ އުހަށް ދިޔުމަށްފަހު، ބޮޑު އަނިޔާއަކާ ހުރެ ވަރަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި ކުޅުންތެރިއަކަށްވެސް އަލުން އެނބުރި އާދެވިދާނެކަން. މިއީ ދިމާވާ ހުރަސްތަކުން އަރައިގަތުމަށް ލިބޭ ފިލާވަޅެއް."
ރޮޑްރީއަކީ ސްޕެއިން ޓީމުގެ އެންމެ ނުފޫޒުގަދަ ކުޅުންތެރިޔާ ކަމުގައި ވިޔަސް، އޭނާ ބުނީ ސްޕެއިން ޓީމުގެ ކާމިޔާބީއަކީ މުޅި ޓީމުގެ އެއްބައިވަންތަކަމުގެ ނަތީޖާ ކަމަށެވެ. ވަރުގަދަ އާޖެންޓީނާއާ ދެކޮޅަށް ކުޅެ، އިތުރު ވަގުތުގެ ދެވަނަ ހާފުގައި ފެރާން ޓޮރޭޒް ޖެހި ލަނޑުން މޮޅުވުމުގައި މުޅި ޓީމުން ދެއްކި ހިތްވަރަށް އޭނާ ތާރީފުކުރިއެވެ.
"އެއީ ޤައުމީ ޓީމުގެ ސިއްރަކީ،" އޭނާ ބުންޏެވެ. "އަހަރެމެން އަބަދުވެސް ކާމިޔާބީއަށް މަސައްކަތް ކުރާނަން."