ENGLISH
20 ޖުލައި 2026
ރައީސްގެ ހުރިހާ އަމާޒެއް ރައްޔިތުންނަށް ނަތީޖާ ނެރެދިނުމަށް
19 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އެންމެ މަޤްބޫލު
ސަރުކާރުގެ ހުރިހާވެސް އަމާޒަކީ ދިވެހި ރައްޔިތުންނަށް ނަތީޖާ ނެރެ ދެއްކޭ ވަރުގެ މަސައްކަތެއް ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ނަމުގައި ވަކި އޮފީހެއް ގާއިމުކޮށްގެން މަސައްކަތްތައް ފެށީވެސް ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދިނުމުގެ އަމާޒުގައިކަމަށެވެ. ފަހަރެއްގައިވެސް ވަކި އޮފީހެއް ގާއިމުކޮށް، އިތުރު މުވައްޒަފުން ނަގައިގެން ސަރުކާރުގެ ހަރަދުތައް ބޮޑުވާނެ އުސޫލުން ކަންތައް ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގައި މަސައްކަތްކުރާނީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވުޒާރާގައި އެ ވުޒާރާގެ މުވައްޒަފުންކަމަށް ރައީސް ވިދާޅުވިއެވެ.
"މަސައްކަތްތައް ފޯކަސްޑް ގޮތަށް ނަތީޖާ ނެރެވޭނެގޮތަކަށް ގެންދިއުމަށް މި މަސައްކަތް ކުރަނީ، އަޅުގަނޑު އަބަދުވެސް ބޭނުންވަނީ ނަތީޖާ ދައްކަން، އެހެންވީމަ ފޯކަސް ކުރަނީ ނަތީޖާއަށް، ނަތީޖާ ނެރެވޭނެގޮތަކަށް މައްސަލަ ހައްލުކުރުމަށް، މި އޮފީހަށް އަޅުގަނޑުމެން ދޭންޖެހޭ ހުރިހާ ބާރެއް ދޭނަން، ހުރިހާ ހުރަސްތަކެއް ނައްތާލައި ސީދާ މައްސަލަ ހައްލުކުރެވޭގޮތަށް ކަންކަން ފަހިކޮށްދޭނަން، ގާނޫނާއި ގަވާއިދުގެ ތެރެއިންވިޔަސް، ބަޖެޓުވިޔަސް، ތަންފީޒީ ގޮތުންވިޔަސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަކި އޮފީހެއް ގާއިމުކޮށްގެން މަސައްކަތް ކުރަން ފެށުމުގެ އެންމެ ބޮޑު މަގުސަދަކީވެސް މަސައްކަތްތަކަށް ހުރި އިދާރީ ގޮންޖެހުންތައް ނައްތާލައި ނަތީޖާ ނެރުމަށް ފަސޭހަކުރުންކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ނަމުގައި، އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
މި އޮފީހަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހަމަޖެއްސެވުމުގެ ބޭނުމުގައި އުފެއްދެވި އޮފީހެކެވެ.
ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ. މި އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި އެ ޕްރޮގުރާމުތައް ތަންފީޒުކުރުމާއި، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ޓަކައި އެކުވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ހައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނެއެވެ.