ENGLISH

20 ޖުލައި 2026

Advertisement

ފުލުހުންގެ ހިދުމަތުގެ ތާރީހުގައި ހިންގާ ފުރަތަމަ "ބްލޫސް ރީ-ޓްރެއިނިންގ" ޕްރޮގްރާމް ފަށައިފި

19 ޖުލައި 2026

|

އާމިނަތު ނުޒްލާ

"ބްލޫސް ރީ-ޓްރެއިނިންގ ޕްރޮގްރާމް 2026" ރަސްމީކޮށް ފުށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފުލުހުންގެ އިދާރާ

ފުލުހުންގެ ފަންނީ ގާބިލުކަމާއި، އަހުލާގީ މިންގަނޑުތަކާއި، އިސްނެގުމުގެ ހުނަރުތަކުގެ އިތުރުން އޮޕަރޭޝަނަލް ފެންވަރު މަތިކުރުމަށް އަމާޒުކޮށްގެން ބާއްވާ "ބްލޫސް ރީ-ޓްރެއިނިންގ ޕްރޮގްރާމް 2026" ރަސްމީކޮށް ފަށައިފިއެވެ.

މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތާރީހުގައި މިފަދަ ތަމްރީނު ޕްރޮގްރާމެއް ހިންގާ ފުރަތަމަ ފަހަރެވެ.

މި ޕްރޮގްރާމަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ ސެންޓަރ ފޯ ޕަބްލިކް ސޭފްޓީ އެންޑް ސެކިއުރިޓީ ސްޓަޑީޒް އިން އިންތިޒާމުކޮށްގެން، މި ޖުލައި މަހުގެ 18 އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ދ. ވާނީގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ފުލުހުން މައުލޫމަތު ދިން ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، ޒަމާނީ ފުލުހުންގެ ހިދުމަތުގައި ކުރިމަތިވާ އެކި ގޮންޖެހުންތަކަށް ފުލުހުން އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން، މިއީ ޒިންމާދާރު، ފަންނީ އަދި ރައްޔިތުންނާ ގާތުން ހިދުމަތްދޭ މުއައްސަސާއެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

މި ތަމްރީނުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މޮޑިއުލްތަކުގެ ތެރޭގައި އިންޓާނަލް އެތިކްސް، ޑިޖިޓަލް ޓްރާންސްފޮމޭޝަން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އޮޕަރޭޝަނަލް ޕޮލިސިންގ، ސިނާރިއޯ ބޭސްޑް ޓްރެއިނިންގ، ކޭސް ސްޓަޑީޒް އަދި ޓީމް ބިލްޑިންގ ހިމެނެއެވެ. މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި ހަރުދަނާ ނިންމުންތައް ނިންމުމާއި، މައްސަލަ ހައްލުކުރުމުގައި ސަމާލުކަންދޭންޖެހޭ ފަންނީ ކަންކަމާއި، މުއާމަލާތްކުރުމުގެ ހުނަރުތަކާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށް މި ޕްރޮގްރާމުގައި ހާއްސަ އަހަންމިއްޔަތުކަމެއް ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމަކީ ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި، އައު އީޖާދުތަކަށް ފުލުހުން އަހުލުވެރިކުރުވައި، ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ އަހުލާގު ރަނގަޅު، ހުނަރުވެރި ޖީލެއް ބިނާކުރުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ހާއްސަކޮށްފައިވަނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ކޮންސްޓަބަލް ރޭންކުން ފެށިގެން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކާ ދެމެދުގެ މުވައްޒަފުންނަށެވެ. މި ބުރުގައި ޖުމްލަ 98 ފުލުހުން ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު