ENGLISH

09 ޖުލައި 2026

Advertisement

ނޭކުރެންދޫ ސްކޫލުގައި އަލަށް ތަރައްގީކުރި ހަތަރު ކްލާސްރޫމްގެ އަމަލީ މަސައްކަތް ނިންމާލައިފި

09 ޖުލައި 2026

|

އާމިނަތު ނުޒްލާ

ނޭކުރެންދޫގައި އަލަށް ތަރައްގީކުރެވުނު ކްލާސްރޫމްތައް - ފޮޓޯ: އެމްޓީސީސީ

ހދ. ނޭކުރެންދޫ ސްކޫލަށް އިތުރުކުރި ހަތަރު ކްލާސްރޫމްގެ އަމަލީ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. ނޭކުރެންދޫއަށް މިދިޔަ އަހަރުގެ އޯގަސްޓު 26ވަނަ ދުވަހު ކުރެއްވި ދަތުރުފުޅުގައި، ސްކޫލްގެ ކްލާސްރޫމްގެ މަސައްކަތް ހުއްޓިފައިވާތީ، އެރަށު މީހުން ވަނީ އެކަމުގެ ކަންބޮޑުވުން ރައީސްއަށް އަރުވާފައެވެ.

އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ރަށުގެ ތަރައްޤީއަށްޓަކައި ފެށިފައިވާ މަޝްރޫޢުތައް ބާރުމިނުގައި ގެންގޮސް އަވަހަށް ނިންމައިދޭނެ ކަމަށެވެ.

ނޭކުރެންދޫގައި އަލަށް ތަރައްގީކުރެވުނު ކްލާސްރޫމްތައް - ފޮޓޯ: އެމްޓީސީސީ

މި މަސައްކަތުގެ އިތުރުން، ނޭކުރެންދޫ ސްކޫލްގައި މަލްޓިޕާޕަސްހޯލެއް ޤާއިމުކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. މި މަސައްކަތްވެސް ވީ އެންމެ އަވަސް މުސްތަގްބަލެއްގައި ނިންމަވާ ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.  

ސްކޫލް ކްލާސްރޫމްތަކާއި މަލްޓި ޕާޕަސް ހޯލްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުގައި ވަނީ އެ ރަށުގައި ބައެއް މަޝްރޫޢުތައް ފައްޓަވައިދެއްވައި، އަދި ބައެއް މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާ ހަވާލުކުރައްވާފައެވެ.

އެގޮތުން ނޭކުރެންދޭ ބަނދަރުގެ މަޝްރޫޢާއި އެ ރަށުގައި ދޯނި އެހެލާ ސަރަހައްދެއް ޤާއިމްކުރުމާއި، މޫދަށް އެރޭނެ ބީޗެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ނޭކުރެންދޫ ސްކޫލަށް އިތުރުކުރެވުނު ކްލާސްރޫމްތަކާއެކު، އެރަށު ސްކޫލް ކުދިންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު