ENGLISH
09 ޖުލައި 2026
އަނިޔާގެ ސަބަބުން މޮރޮކޯގެ ސައިބާރީއަށް ކުއާޓާގައި ފްރާންސާ ދެކޮޅަށް ނުކުޅެވޭނެ
09 ޖުލައި 2026
|
މޮރޮކޯގެ ފޯވާޑް އިސްމާއީލް ސައިބާރީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ފްރާންސާ ދެކޮޅަށް ނުކުންނައިރު، މޮރޮކޯގެ މުހިންމު ފޯވާޑް އިސްމާއީލް ސައިބާރީއަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފައެވެ.
ސައިބާރީގެ ފައިގެ މަސްގަނޑަށް އަނިޔާވީ ގަދަ 16 ގައި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
މޮރޮކޯގެ ކޯޗު މުޙައްމަދު އުއާބީ ހާމަކުރި ގޮތުގައި، ސައިބާރީއަށް ލިބުނު އަނިޔާގެ ސަބަބުން ކުއާޓާ ފައިނަލަށް އޭނާ ފިޓުވެފައި ނުވާ ކަމަށެވެ. "ސައިބާރީ ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ތިބީ ސައްތައިން ސައްތަ ފިޓުކޮށް. އޭނާއަށް މި މެޗު ކުޅެވޭވަރަށް ވުރެ މާ އަވަސް، ނަމަވެސް އުއްމީދު ކުރަނީ މުބާރާތުގެ ބާކީ ބައިގައި އޭނާއަށް ކުޅެވޭނެ ކަމަށް،"
ނެދަލެންޑްސްގެ ޗެމްޕިއަން ޕީއެސްވީން 50 މިލިޔަން ޔޫރޯގެ ބޮޑު އަގަކަށް ބަޔާން މިއުނިކާ ދާދިފަހުން ގުޅުނު ސައިބާރީއަކީ މި ފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
ގްރޫޕް ސްޓޭޖުގެ ތިން މެޗުގައިވެސް އޭނާ ލަނޑު ޖަހާފައިވާއިރު، ދެވަނަ ބުރުގައި ނެދަލެންޑްސް ބަލިކުރި ޕެނަލްޓީ ޝޫޓްއައުޓްގައި މޮޅުވި ޕެނަލްޓީ ކާމިޔާބުކުރީވެސް އޭނާއެވެ. ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު ކެނެޑާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ހެމްސްޓްރިންގެ މައްސަލައެއް ދިމާވެގެން އޭނާ ވަނީ މެޗުގެ ކުރީކޮޅު ބަދަލުކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޮރޮކޯގެ ކޯޗު މުޙައްމަދު އުއާބީ --- ފޮޓޯ: އޭއެފްޕީ
މޮރޮކޯ ސެމީ ފައިނަލަށް ދަތުރުކޮށްފިނަމަ، ސައިބާރީއަށް އަލުން ޓީމާ ގުޅުމުގެ ފުރުސަތު އެބައޮތެވެ. ކެނެޑާ މެޗުގައި ސައިބާރީގެ ބަދަލުގައި ކުޅެން އެރި ސުފިޔާން ރަހީމީ ވަނީ އެ މެޗުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
"އެޓްލަސް ލަޔަންސް" ގެ ގޮތުގައި މަޝްހޫރުވެފައިވާ މޮރޮކޯ ޓީމުން މި މެޗަށް ނުކުންނަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ފްރާންސް އަތުން 2-0 ގެ ނަތީޖާއަކުން ވީ ބައްޔަށް ބަދަލުހިފުމުގެ އަޒުމުގައެވެ. އެއީ އެފްރިކާ ނުވަތަ އަރަބި ޤައުމަކުން ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިފަހަރުގެ އަމާޒަކީވެސް ކުޑަމިނުން ސެމީއާ ހިސާބަށް ދަތުރުކުރުމެވެ.
މިދިޔަ މާރިޗު މަހު ވަލީދު ރެގްރާގީގެ ބަދަލުގައި ކޯޗުކަމާ ހަވާލުވި އުއާބީ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދެވުމުން މޮރޮކޯއަށް މުބާރާތް ކާމިޔާބުވެއްޖެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދީފައެވެ.
"އަހަރެމެން ބޭނުންވަނީ ކޮންމެހެންވެސް މާދަމާގެ މެޗުން މޮޅުވާން. އެހެންވީމާ، މިހާ ހިސާބުން ކެޓިޔަސް މައްސަލައެއް ނެތްކަމަށް ބުނާ މީހުންގެ ވާހަކައެއް އަހަރެމެން އަޑެއް ނާހާނަން،" އޭނާ ބުންޏެވެ. އަދި 2022 ވަނަ އަހަރު މި ދެ ޓީމު ބައްދަލުކުރި މެޗު ޓީވީން ބެލީ ސަޕޯޓަރެއްގެ ގޮތުގައި ކަން ފާހަގަކުރަމުން އުއާބީ ބުނީ މަސައްކަތްކުރާނީ ސެމީ ފައިނަލަށް ދާން ކަމަށާއި، މިހާރުވެސް ވަރަށް ރަނގަޅަށް ކުޅެވިއްޖެ ކަމަށެވެ. ދެން ލިބޭ ކޮންމެ ކާމިޔާބީއަކީ އިތުރު އުފަލެއް ކަމަށް ދެކޭދެކުމަށް ތާއީދުނުކުރާ ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.
މޮރޮކޯގެ އަރަމުން އަންނަ ތަރި ރެއާލް މެޑްރިޑަށް ކުޅޭ ބްރަހީމް ޑިއާޒް ބުނީ، އޭނާގެ ކުލަބުގެ ބައިވެރިޔާ ކީލިއަން އެމްބާޕޭގެ ފްރާންސް ޓީމާ ދެކޮޅަށް ވާދަކުރެވޭނެ ފެންވަރު މޮރޮކޯގައި އެބަހުރި ކަމަށެވެ. މޮރޮކޯ ޓީމުން ނުކުންނަނީ މުބާރާތުގެ އެންމެ ވަރުގަދަ އެއްޓީމާ ދެކޮޅަށް ކަމަށާއި، އެކަމަކު ވާދަކުރެވޭނެކަން މިހާރު ސާބިތުކޮށްދީފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.