ENGLISH

09 ޖުލައި 2026

Advertisement

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ވެވޭ އިންވެސްޓްމެންޓް މުއާހަދާ ފައިނަލް ކުރެވިއްޖެ: މިނިސްޓަރ ސައީދު

09 ޖުލައި 2026

|

ުހުސައިން މަޚްތޫމް

އިންޑިއާގެ އެފްއައިސީސީއައި ގައި ކުރިއަށްދިޔަ ވަށް މޭޒު ބައްދަލުވުމުގައި މިނިސްޓަރ ސައީދު ވާހަކަދައްކަވަނީ - ފޮޓޯ: އިކޮނަމިކް މިނިސްޓްރީ

އިންޑިއާ އާއި ރާއްޖެ އާއި ދެމެދުގައިވެވޭ 'ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ' ނުވަތަ އިންވެސްޓްމަންޓްތަކާ ބެހޭ މުއާހަދާ ފައިނަލް ކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިފަދައިން ވިދާޅުވީ އިންޑިއާގެ އެންމެ ބޮޑު، އެންމެ ދުވަސްވީ އަދި އެޕެކްސް ބިޒްނަސް ޗެމްބަރު ކަމަށްވާ 'ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބަރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ' ގައި ބޭއްވުނު ވަށް މޭޒު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. 

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަކީ ރާއްޖެއަށް އެންމެ މުހިންމު އެއް ގުޅުމެވެ. މިއީ ވިޔަފާރިއާއި، ރައުސްމާލާއި، ދަތުރުފަތުރާއި މުއާމަލާތްތަކުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ މައްޗަށް ބިނާވެ، އެތައް ޖީލަކަށް ދެމިގެންގޮސްފައިވާ ވަރުގަދަ ގުޅުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ މިއަދު ބައްދަލުކުރަނީ، ރާއްޖޭގެ އިގްތިސާދީ ދާއިރާ ފުޅާކޮށް، އާ ބައިވެރިން ހޯދުމަށާއި މިހާރު ހުރި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިއީ ހަމަހަމަ އަދި ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރުމަށް ކުރެވޭ ފުޅާ މަސައްކަތުގެ ބައެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި، އޭގެ ފަހުން މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު، ދެ ގައުމުގެ ސަރުކާރުން ދަނީ އެ މަތީ ފަންތީގެ މަޝްވަރާތަކުގެ ނަތީޖާ އަމަލީ ގޮތުން ފެންނަ ކުރިއެރުންތަކަކަށް ބަދަލުކުރުމަށް އަތްގުޅާލައިގެން މަސައްކަތް ކުރަމުން ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. 

މިނިސްޓަރ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ 'ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ' ނުވަތަ އިންވެސްޓްމަންޓްތަކާ ބެހޭ މުއާހަދާ މިހާރު ވަނީ ފައިނަލް ކުރެވިފައެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ 'ފްރީ ޓްރޭޑް އެގްރީމަންޓް' އަކާ ބެހޭ މަޝްވަރާތައް މިހާރު ވަނީ ފެށިފައެވެ. މިއީ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ވެސް އޮތް ސާބިތު އަޒުމް ހާމަކޮށްދޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުވުމުން، އިންޑިއާއާއި ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރީގެ އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން މުދަލާއި ހިދުމަތުގެ ވިޔަފާރިއަށް ރަސްމީ އޮނިގަނޑެއް ލިބި، ކުންފުނިތަކަށް އިތުބާރު ހުރި އުސޫލުތަކެއްގެ ދަށުން ލުއިފަސޭހަކަމާއެކު ވިޔަފާރިކުރުމުގެ މަގު ފަހިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ މުސްތަގުބަލުގައި އިންވެސްޓްމަންޓްތަކާއި ބައިވެރިވުންތައް ރޭވުމަށް ލިބޭ ވަރުގަދަ ބިންގަލަކަށް ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު