ENGLISH

09 ޖުލައި 2026

Advertisement

ހުޅުމާލެ މަގުތައް ތަރައްޤީކުރުން: 46 އިންސައްތަ މަސައްކަތް ނިމިއްޖެ

09 ޖުލައި 2026

|

ހަނާން އަހުމަދު ނައީމް

ހުޅުމާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ހުޅުމާލެ ފޭސް 1 އަދި 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ނުހަދާހުރި މަގުތައް ހަދައި ނިންމުމަށް ފަށާފައިވާ މަޝްރޫއުގެ 46 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއެވެ.    

އެޗްޑީސީން މި މަޝްރުއުގެ އަދާހަމަ ހިއްސާކޮށް ބުނީ، މިހާރު މި މަޝްރޫއުގެ ދަށުން މިހާތަނަށް 3 މަގުގައި ތާރުއަޅައި ނިމިފައިިވާ ކަމަށެވެ. އެއީ އެޕޯލޯ ފްލެޓްތަކުގެ ބިއްދޮށުން އޮންނަ މަގާއި ވަން ސެންޓްރަލް ޕާކް ރެސިޑެންސްއާ އިންވެގެން އޮންނަ މަގުގެ އިތުރުން ރޭތިގަލް ރެސިޑެންސްއާ އިންވެގެން އޮންނަ މަގުގެ މަސައްކަތެވެ.

މި މަޝްރުއޫގެ ދަށުން ފޭސް 1 ގައި ނުނިމި ހުރި 5 މަގެއް ތަރައްޤީކުރުމުގެ މަސައްކަތާއި، ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ، ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުގެ ސަރަހައްދުގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެޗްޑީސީއިން ބުނީ، މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ފޭސް 2ގެ ވިނަރެސް ބިއްދޮށުން ކުރީގެ ފަރުކޮޅުފުއްޓާ ދިމާލަށް އޮންނަ މަގުގައި ތާރުއަޅާ ތަރައްޤީކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށްދަނީ ސަބްބޭސްގެ މަސައްކަތްތައް ނިމި، ތާރުއެޅުމާ ގުޅޭ މަސައްކަތްކެވެ. 

ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާ މަގުތަކުގައި ވޯކްވޭއާއި ގަސް އިންދާ ސްޓްރިޕްގެ މަސައްކަތާއި މަގުތައް އަލިކުރުމަށް ލައިޓް ހަރުކުރުމާ ގުޅޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މީގެއިތުރުން، މަގުގައި ޒަމާނީ ފެން ހިންދާ ނިޒާމުވެސް ވަނީ ޤާއިމުކޮށްފައެވެ. މަގުތައް ތަރައްޤީކޮށްފައިވަނީ ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭގޮތަށެވެ.

މިހާރު ހުޅުމާލެ ފޭސް 1ގައި އެކިސަބަބުތަކާހުރެ ނުހެދި ހުރި ހުރިހާ މަގުތަކުގައި ތާރު އަޅާނެއެވެ. އަދި ވިނަރެސް ސަރަހައްދު މަގާއެކު، މިވަގުތު މީހުން އާއްމުކޮށް ބޭނުންކުރާ ހުރިހާ ސަރަހައްދުގެ މަގުގެ މަސައްކަތް ނިމޭނެއެވެ.

މި މަގުތަކުގެ މަސައްކަތް ނިމުމާއެކު، ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އުޅަނދުތަކަށްވެސް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.  

ކިޔުންތެރިންގެ ހިޔާލު