ENGLISH
08 ޖުލައި 2026
ޝަހީދު އާޔަތުالله އަލީ ޙާމަނާއީގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވޭ ސަބަބު ސާފުކޮށްދީފި
08 ޖުލައި 2026
|
ޝަހީދު އާޔަތުالله އަލީ ޙާމަނާއީގެ ޖަނާޒާ ކުރިއަށް ދަނީ --
އެންމެ މަޤްބޫލު
އިރާނުގެ ސުޕްރީމް ލީޑަރ، ޝަހީދު އާޔަތުالله އަލީ ޙާމަނާއީގެ ޖަނާޒާގައި ރާއްޖޭގެ އިސް އޮފިޝަލަކަށް ބައިވެރިނުވެވޭ ސަބަބު ދިވެހި ޚާރިޖިއްޔާއިން ސާފުކޮށްދީފި އެވެ.
ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އިރާނުގެ ސުޕްރީމް ލީޑަރ، ޝަހީދު އާޔަތުالله އަލީ ޙާމަނާއީ އަވަހާރަވުމާ ގުޅިގެން ޖުލައި ތިނެއްވާ ހުކުރު ދުވަހު އެ މަނިކުފާނުގެ ރަސްމީ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ.
އަދި އެ ދަޢުވަތުގައި ރާއްޖޭގެ ފަރާތުން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނީ ދިވެހިރާއްޖޭން ސަޢުދީ އަރަބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ކަމުގައި އިރާން ސަރުކާރަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.
ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް އިރާން އެމްބަސީން އަންގަވާފައިވަނީ ބޭރު ޤައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުޞޫލު މިހާރު ހަމަޖެހިފައިވާ ގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި މި މަޢުލޫމާތު ލިބުމާ ގުޅިގެން، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނަށް ދަތުރުފުޅު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ.
ތެހްރާންއަށް ދިއުމުގެ ފްލައިޓްތަކަށް ހުއްދަދެވޭ ސުންގަޑި ކައިރިވެފައިވާ ކަމަށާއި، ސްޓޭޓް މިނިސްޓަރ ރާއްޖެއިން ފުރާވަޑައިގެން ތެހްރާނަށް ވަޑައިގެންނެވޭނީ، ޖަނާޒާގެ ރަސްމީބައި ނިމޭފަހުން ކަމުގައިވާތީ އާއި، ދިވެހިރާއްޖެއިން ސްޓޭޓް މިނިސްޓަރެއް މި ޖަނާޒާގައި ބައިވެރިކުރުމަށް ނިންމެވި ނިންމެވުމަށް އިރާން ސަރުކާރުން ޝުކުރުއަދާ ކުރައްވާކަން އެންގެވި ކަމަށް އީރާން ސަރުކާރުން ބުނެ އެވެ. އަދި އެ ދަތުރުފުޅު މި ވަގުތު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާޜީހެއްގައި ސަރުކާރުގެ އިސްބޭފުޅަކު ކުރެއްވުމަށް ލަފާދެއްވި ކަމަށްވެސް ޚާރިޖިއްޔާއިން ބުންޏެވެ.
އިރާންގެ ސުޕްރީމް ލީޑަރ އަވަހާރަވުމާގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޚާރިޖީ ވަޒީރުގެ ތައުޒިޔާގެ މެސެޖެއް އިރާން ގެ ޚާރިޖީ ވަޒީރަށް ވަނީ ފޮނުވިފަ އެވެ.