ENGLISH

08 ޖުލައި 2026

Advertisement

ޕެނަލްޓީގައި ކޮލަމްބިއާ ބަލިކޮށް، ކުއާޓާގެ ފަހު ޖާގަ ސްވިޒަލެންޑަށް

08 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ކޮލަމްބިއާއާ ވާދަކޮށް ޕެނަލްޓީ ޝޫޓްއައުޓުން މޮޅުވުމާއެކު ސްވިޒަލެންޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ މެޗުގައި، އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރުވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން ކޮލަމްބިއާ ބަލިކޮށް، ކުއާޓާ ފައިނަލް ފަހު ޖާގަ ސްވިޒަލެންޑުން ހޯދައިފިވެ.

މިއީ 1954 ވަނަ އަހަރުގެ ފަހުން ސްވިޒަލެންޑް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ކުއާޓާ ފައިނަލުގައި އެ ޓީމު ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ސްވިޒަލެންޑަށް ކުރިލިބުނީ، ކޮލަމްބިއާގެ ޑޭވިންސަން ސަންޗޭޒް ފޮނުވާލި ޕެނަލްޓީ ގޯލުގެ ހުރަސްދަނޑީގައި ޖެހި ބޭރުވުމުންނާއި، ކޫޗޯ ހެނާންޑޭޒް ފޮނުވާލި ޕެނަލްޓީ ސްވިޒަލެންޑުގެ ގޯލްކީޕަރު ގްރެގޯ ކޯބެލް ހުށިޔާރުކަމާއެކު ދިފާއުކުރުމުންނެވެ. ސްވިޒަލެންޑުގެ މެނުއަލް އަކަންޖީ ޖެހި ޕެނަލްޓީ ގޯލާ އަމާޒުނުވެ މަތިން ދިޔަ ނަމަވެސް، އެ ޓީމުގެ ރޫބެން ވާގަސް ވަނީ އެންމެ ފަހު ޕެނަލްޓީ ކާމިޔާބުކޮށް ޓީމު މޮޅުކޮށްދީފައެވެ.

ވޯލްޑް ކަޕުގައި ކޮލަމްބިއާ އާއި ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

މިއީ 2014 ވަނަ އަހަރުގެ ފަހުން ދެވަނަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކުރުމަށް އުއްމީދުކޮށްގެން ތިބި ކޮލަމްބިއާއަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ.

ކެނެޑާގެ ވެންކޫވަރ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކޮލަމްބިއާގެ ގުސްޓާވޯ ޕުއެރްޓާއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ކީޕަރު ކޯބެލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ސްވިޒަލެންޑުގެ ފޭބިއަން ރީޑާ ފޮނުވާލި ހަމަލާ ކޮލަމްބިއާގެ ކީޕަރު ކަމީލޯ ވާގަސް ދިފާއުކުރިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައި ވަނިކޮށް، އިތުރު ވަގުތުގައި ސްވިޒަލެންޑުގެ ޑެން އެންޑޯއީއަށް މެޗުން މޮޅުވާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ކޮލަމްބިއާގެ ޖޯން ލޫކޫމީ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސްދަނޑީގައި ޖެހުމުން، ދެ ޓީމަށްވެސް މެޗުގެ ތެރޭގައި ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

ވޯލްޑް ކަޕުގައި ކޮލަމްބިއާއާ ދެކޮޅަށް ޕެނަލްޓީ ޝޫޓްއައުޓުގައި ސްވިޒަލެންޑުގެ ވާގަސް ޕެނަލްޓީ ފޮނުވާލަނީ --- ފޮޓޯ: ރޮއިޓަރސް

މި މެޗަށް ކޮލަމްބިއާ ނުކުތީ މުޅި މުބާރާތުގައިވެސް އެންމެ ވަރުގަދަ ޑިފެންސެއް އޮތް ޓީމުގެ ގޮތުގައެވެ. ނަމަވެސް ސްވިޒަލެންޑަށް މެޗުގެ ކުރިން ބޮޑު ހީނަރުކަމެއް ކުރިމަތިވީ، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ޔޮހާން މަންޒަމްބީއަށް ތަމްރީނުތަކުގައި ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގައި ނުކުޅެވޭނެކަން އެނގުމުންނެވެ.

ކުއާޓާ ފައިނަލުގައި ސްވިޒަލެންޑުން އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު، އާޖެންޓީނާ ކުއާޓާއަށް ދަތުރުކުރީ މިސްރުގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު