ENGLISH

07 ޖުލައި 2026

Advertisement

އެމްޑީޕީ ސަރުކާރުތަކުން އަރަބިއްޔާ ދަރިވަރުން ގެންގުޅުނީ ރެފިއުޖީންގެ ގޮތުގައި: ވަޒީރު

07 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލު ޝަފީއު، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ދޭ ހަމައެކަނި މަދުރަސާކަމަށްވާ މަދްރަސަތުލް ޢަރަބިއްޔާއާމެދު އެމްޑީޕީގެ ދެ ސަރުކާރުގައިވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، މި ސަރުކާރުން އަޅަމުންދާ ޢަރަބިއްޔާގެ އައު އިމާރާތް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެކީ ނިންމައިލެވޭނެކަމަށް ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލު ޝަފީއު ވިދާޅުވެއްޖެއެވެ. 

ޑރ.ޝަފީއު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށްފަހު އިތުރު ސުވާލުގެ ވަގުތުގައި ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރާ ގުޅޭ ގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެ އިމާރާތުގެ މަސައްކަތް ނިންމައި، ދެން ފެށޭ ދިރާސީ އަހަރުގައި ޢަރަބިއްޔާގެ ދަރިވަރުންނަށް އެ އިމާރާތުގައި ކިޔަވައިދޭން ފެށޭނެ ކަމަށެވެ. 

ވަޒީރު ސިފަކުރެއްވި ގޮތުގައި އެމްޑީޕީގެ ދެ ސަރުކާރުންވެސް އެންމެ ހިތްދަތި ގޮތަކަށް މުއާމަލާތްކޮށްފައިވަނީ އަރަބިއްޔާ ސްކޫލާމެދުއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި އެއިރު އަރަބިއްޔާގެ އިމާރާތުން އެ ސްކޫލުގެ ދަރިވަރުން ނެރެ ބިން އަތުލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދެވަނަ ދައުރުގައިވެސް އަރަބިއްޔާގެ އިމާރާތުން ކުދިންނަށް ނުކުންނަން މަޖުބޫރުވިކަމަށާއި، އެމްޑީޕީގެ ދެ ދައުރުގައިވެސް އެ ސްކޫލުގެ ދަރިވަރުން ގެންގުޅުނީ ރެފިއުޖީންގެ ގޮތުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އެމްޑީޕީގެ ފުރަތަަމަ ދައުރުގައި ސްކޫލު ހުރި ބިން ނަގައި، ހަމަ ރެފިއުޖީންތަކެއް ގޮތުގައި ކުދިން ގެންގުޅުނީ. ހަމަ ދެވަނައަށް އެމްޑީޕީއަށް ވެރިކަން ލިބުނީމައި ކުދިން އެކި ތަންތަނަށް ބަހަމުންގެންދިޔައީ މިހާރު ސައުދީ އެމްބަސީ ހުރި ބިލްޑިންގައި އަދި އޭގެފަހުން ވެލާނާގެ ކައިރީ ހުރި ދަރުމަވަންތަ ހިންގި ބިލްޑިންގައި،" ވަޒީރު ވިދާޅުވިއެވެ. 

ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތްއިރުގައި ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ދޭ ދެ މަދުރަސާއެއް ހުއްޓެވެ. ޢަރަބިއްޔާގެ އިތުރަށް ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ނިޒާމީ ބައި އޮތެވެ. އެބައި އުވައިލެއްވީ ނަޝީދެވެ. 

އޭގެ ފަހުން އެއިރު އަރަބިއްޔާ ހިންގަމުންއައި ބިން ސަރުކާރަށް ނަގައި އަމީނިއްޔާ ސްކޫލު ކުރިމަތީގައި އަރަބިއްޔާގެ އައު އިމާރާތެއް އެޅުމަށް ނިންމެވިއެވެ. އެ އިމާރާތަށް ދަރިވަރުންނަށް ބަދަލުވެވުނީ ހަތަރު ފަސް އަހަރު ފަހުންނެވެ. އެ އިމާރާތް ބޭނުންކުރަން ފެށިތާ ދިހަ ވަރަކަށް އަހަރު ނުވަނީސް އިމާރާތް ހަލާކުވުމުގެ ސަބަބުން ދަރިވަރުން އެ އިމާރާތުން ނިކުންނަންޖެހުނެވެ. 

އެމްޑީޕީގެ ނިމުނު ސަރުކާރުގައި އަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ކަނޑައެޅީ ބާ ޖަމާލުއްދީން ބިމެވެ. އެއީ ޖާގައިގެ ގޮތުން ކުޑަ ބިމެއްކަން އެއިރުވެސް އަރަބިއްޔާ ބެލެނިވެރިން ފާހަގަކުރިއެވެ. ނަމަވެސް އެބިމުގައި ސްކޫލު އަޅަން ނިންމި ނިންމުން އެމްޑީޕީ ސަރުކާރުން ބަދަލުނުކޮށް އޮއްވައި، ރައީސް ޑރ.މުޙައްމަަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ ބިމަށްވުރެ ޖާގައިގެ ގޮތުން އެތައް ގުނައެއް ތަނަވަސް 386 ނަންބަރު ކޮށި އަރަބިއްޔާ އިމާރާތް އެޅުމަށް ހަމަޖައްސަވައި އެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު