ENGLISH
07 ޖުލައި 2026
އަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް ނޮވެންބަރަށް ނިންމަނީ
07 ޖުލައި 2026
|
ތައުލީމާއި، މަތީތައުލީމާއި ހުނަރުތައް ތަރައްްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.
އެންމެ މަޤްބޫލު
އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް އަންނަ ނޮވެންބަރުމަހަށް ނިންމާލެވޭނެކަމަަށް ތައުލީމާއި، މަތީތައުލީމާއި ހުނަރުތައް ތަރައްްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަަޖިލީހަށް ހާޒިރުވެވަޑައިގެން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިމިފައިވާ މިންވަރު އޮޅުންފިލުވައިދެއްވުމަށްއެދި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އަރަބިއްޔާ ސުކޫލުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ.
" އުއްމީދުކުރެވެނީ ނޮވެންބަރުމަހުގެ ތެރޭގައި މަސައްކަތް ނިމި މިއަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިޔާ އަރަބިއްޔާގެ އައު އިމާރާތުގައި ކިޔެވުން ފެށިގެންދާނެކަމަށް، އެންމެ ހިތްދަތިގޮތަކަށް ކުރީގެ އެމްޑީޕީ ސަރުކާރުން ކަންކޮށްފައިވާ ސުކޫލަކީ އަރަބިއްޔާ ސުކޫލް، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ސުކޫލު ހިންގަމުންދިޔަ ބިން ނަގައި ކުދިން ގެންގުޅުނީ ރެފިއުޖީންގެ ގޮތުގައި،". ވަޒީރު ވިދާޅުވިއެވެެ.
އަދި ދެވަނަ ފަހަރަށް އެމްޑީޕީއަށް ވެރިކަން ލިބުމުން ސައުދީ އެމްބަސީ ހުރި އިމާރާތާއި ކުރީގެ ދަރުމަވަންތަ ހިންގި އިމާރާތް ފަދަ ތަންތަނަށް ކުދިން ބަދަލުކުރަމުންދިޔުމުގެ ސަބަބުން އެކުދިންނަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު ސްކޫލްގެ މަސްލަހަތުވެރިންގެ އެދުމާ އެއްގޮތަށް، ސްކޫލަށް ހާއްސަ ބިމެއް ކަނޑައެޅި، ފެންވަރު ރަނގަޅު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަންނަ ދިރާސީ އަހަރު އަރަބިއްޔާ ސުކޫލު ހުޅުވައި ކިޔަވާދޭން ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ. ދ. މީދޫގައި ކުރިއަށްގެންދިޔަ ޕީއެންސީގެ ޖަލްސާއެއްގައި ރައީސް ވަނީ އެމްޑީޕީން އަރަބިއްޔާ ސުކޫލު ހިންގަމުން ދިޔަ ބިން އަތުލުމަކީ އަރަބި އިސްލާމީ ތައުލީމު ނައްތާލުންކަމަށް ސިފަކުރައްވާފައެވެ.
އަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރިއަށްދާއިރު، އަރަބިއްޔާގެ އައު އިމާރާތުގައި ހިމެނެނީ 40 ކްލާސްރޫމެވެ.
400 އަށް ވުރެ ގިނަ ދަރިވަރުންނަށް ދަނީ ނާސްތާ އެހީ ދެމުން
މެންބަރު ފަލާހް ދެން ސުވާލު ކުރެއްވީ އެމްޑީޕީ ސަރުކާރުން ވަރަށް ބޮޑަށް ރާވައިގެން ފެށި ނާސްތާ ޕްރޮގްރާމް، އެ ސަރުކާރުގެ ދައުރުގެ ވަކި ހިސާބަކުން މެދުކަނޑާލަން ޖެހުނު ސަބަބާ ގުޅޭގޮތުންނެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އެމްޑީޕީގެ ވައުދަކީ ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދިނުންކަމަށާއި ނަމަވެސް އެ ސަރުކާރުގެ ތައުލީމީ ވުޒާރާއިން ފަހުން ނިންމީ ހުރިހާ ކުދިންނަށް ނާސްތާ ދިނުމުގެ ބަދަލުގައި ހަމައެކަނި ބޭނުންވާ ކުދިންނަށް ނާސްތާ ދިނުމަށްކަމަށެވެ.
އެމްޑީޕީން ގެންގުޅުނު ދޯހަޅި ސިޔާސަތުގެ ބަދަލުގައި މި ސަރުކާރުން މިކަމުގައި ގެންގުޅެނީ ހަރުދަނާ ސިޔާސަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންވެސް މިހާރު މިދަނީ ކޮންމެ އަހަރެއް ފެއްޓޭއިރުގައި ނިކަމެތި ކުދިން ދެނެގަނެ، އަދި ރަށުގެ މަސްލަހަތުވެރިންނާ ވާހަކަ ދެކެވިގެން އެ ކުދިން ދެނެގަނެ، އެ ކުދިންނަށް ބޭނުންވާ ސަޕޯޓްސް ދެމުން މިގެންދަނީ، މިހާރުވެސް ގާތްގަނޑަކަށް 400 އެއްހާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން މިދަނީ، އަޅުގަނޑު ހިތުން އެފަދަ ގޮތަކަށޭ މި ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްގެންދެވޭނީ،". ވަޒީރު ވިދާޅުވިއެވެ.
ސްކޫލުތަކުގައި ހެނދުނު ދަންފަޅީގައި ކިޔަވާ ހުރިހާ ކުދިންނަށް ނާސްތާ ދޭން ފެށީ 2019 ވަނަ އަހަރުގެ ޖޫން 11ވަނަ ދުވަހެވެ. އެހެންނަމަވެސް ކޮވިޑާއެކު ސްކޫލުތައް ބަންދުކުރުމުން އެ ޕްރޮގްރާމް މެދުކަނޑާލިއެވެ. އޭގެ ފަހުން އަލުން 2021 ވަނަ އަހަރުގެ ތެރޭ އެ ޕްރޮގްރާމް ފަށައިފައިވާއިރު އޭރު ނާސްތާ ދިނީ ހަމައެކަނި އެންމެ ބޭނުންޖެހޭ ކުދިންނަށެވެ.
2023: އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ އަހަރު، ޕްރޮޖެކްޓްތައް ހިންގީ ފައިސާ ހަމަނުޖައްސާ
މިއަދުގެ ޖަލްސާގައި ފަލާހު ވަނީ އިންތިހާބާ ދިމާކޮށް އެމްޑީޕީން ކުރިއަށްގެންދިޔަ މަޝްރޫއުތަކަކީ އެ މަޝްރޫއުތައް ހިންގޭނެ މިންވަރަށް ފައިސާ ބަޖެޓުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއުތަކެއްތޯ ސުވާލުކުރައްވާފައެވެ.
މި ސުވާލަށް ދެއްވި ޖަވާބުގައި ވަޒީރު ވިދާލުވީ 2023 ވަނަ އަހަރު ވެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ އަހަރަށްކަމަށެވެ. އެހެންކަމުން އެކަށީގެންވާ ބަޖެޓެއް ނެތި ވެސް ބެލީ ކޮންމެ ރަށަކަށް މަޝްރޫއެއް ހަމަޖެއްސުމަށްކަމަށެވެ.
"ބޮޑެތި ޕްރޮޖެކްޓްތައް ޖަހާލެވިފައި ގާތްގަނޑަކަށް 12 މިލިއަން، ފަސް މިލިއަން ހަ މިލިއަން އަރާ ޕްރޮޖެކްޓުތަކަށް ވެސް ފަސް ލައްކައިން ދެ ލައްކައިން 30 ހާހުން ބަޖެޓުކުރެވިފައިވަނީ، އެހެންހުރި ޕްރޮޖެކްޓްސްތައް މަޑުޖައްސާލާފައި 2024 ވަނަ އަހަރު ބިނާރު ޕްރޮޖެކްޓެއް އެކުލަވާލައިގެން ރައީސް އޮފީހުގެ ތެރެއިން ޕޮލިސީ އޮފީހާ ގުޅިގެން އަޅުގަނޑުމެން އަޅުގަނޑުމެން މިހާރު ކުރިއަށް މި ގެންދާ ޕްރޮޖެކްޓަކީ މުޅިން އަލަށް ވިލަރެސް ކޮށްފައިވާ ޕްރޮޖެކްޓެއް، އެކި މޮޑެލްސްތަކުގައި ކުރިއަށް އެބަ ގެންދަން،". ވަޒީރު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވަޒީރު ވަނީ މެމްބަރުންގެ ގިނަ ސުވާލުތަކަކަށް ވަރަށް ތަފްސީލުކޮސް ޖަވާބު ދެއްވާފައެވެ.