ENGLISH

03 ޖުލައި 2026

Advertisement

ޤައުމީ ދުވަހުގެ ތައްޔާރީތައް ބެއްލެވުމަށް ވަޒީރު ހީނާ ހއ އަތޮޅަށް

03 ޖުލައި 2026

|

އާމިނަތު ނުޒްލާ

ވަޒީރު ހީނާ އުތީމަށް ވަޑައިގަތުން - ފޮޓޯ: ސަރުކާރު

މިއަހަރުގެ ޤައުމީ ދުވަހަށް ހއ. އުތީމުގައި ކުރިއަށްދާ ތައްޔާރީތައް ބެއްލެވުމަށާއި، އެ އަތޮޅުގައި ކުރިއަށްދާ ވުޒާރާގެ މުހިންމު މަޝްރޫޢުތަކުގެ އަދާހަމަ ބެއްލެވުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހއ. އަތޮޅަށް ޒިޔާރަތްކުރައްވައިފި އެވެ. 

ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، މި ދަތުރުގެ ބޭނުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހއ. އުތީމު، ތަކަންދޫ، އަދި ބާރަށުގައި ފަށައިގެން ކުރިއަށްދާ "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢު" ގެ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައިލުމެވެ. 

މި ދަތުރުފުޅުގައި ވަޒީރު އެންމެ ފުރަތަމަ ވަޑައިގަތީ، މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހއ. އުތީމަށެވެ. 

އުތީމު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މިއަހަރުގެ ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ރަށް ޒީނަތްތެރިކުރުމުގެ ބޮޑު މަޝްރޫޢެއްގެ އިތުރުން، ފޯރިގަދަ އަދި ސަގާފީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މިއަހަރުގެ ޤައުމީ ދުވަހަކީ އަންނަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހެއެވެ.

ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ހީނާ ވަލީދު އެ އަތޮޅު ބާރަށަށާއި ތަކަންދޫއަށް ވަޑައިގަތުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ. އެ ރަށްރަށަށް ވަޑައިގެން ޣާޒީ ބަންޑާރައިންގެ ތާރީޚީ ވާހަކަތަކާއި އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ފަހުގެ އަދާހަމަ ބައްލަވާލައްވާނެއެވެ.

މީގެއިތުރުން، މި ތިން ރަށުގެ ކައުންސިލްތަކާ ވަކިވަކިން ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުންނާއި ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު