ENGLISH

29 ޖޫން 2026

Advertisement

ހުޅުމާލޭ ހޮސްޕިޓަލަށްް އިތުރު ކުރިއެރުމެއް؛ އައުޓް-ޕޭޝަންޓް ނާސިން ހިދުމަތް ތައާރަފުކޮށްފި

28 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ހުޅުމާލޭ ހޮސްޕިޓަލުގައި އައުޓް-ޕޭޝަންޓް ނާސިން ހިދުމަތް އިފުތިތާހުކޮށްދެއްވުން، ފޮޓޯ: ހުޅުމާލޭ ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް އިތުރުކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ހޮސްޕިޓަލުގައި އައުޓް-ޕޭޝަންޓް ނާސިން ހިދުމަތް ތައާރަފުކޮށްފިއެވެ. 

ކުއްލި ފަރުވާ ބޭނުންވާ ބަލިމީހުންނަށާއި، އާއްމުކޮށް ނާސިން ހިދުމަތްތައް ބޭނުންވާ މީހުންނަށްް ނުހަނު މުހިއްމު ހިދުމަތް މިއަދު ހުޅުމާލޭ ހޮސްޕިޓަލަށް ތައާރަފުކުރީ އެކަމަށް ހާއްސަ ޖާގައެއް ތަރައްގީކުރުމާއެކުއެވެ. މީގެ ކުރިން ސީދާ އެކަމަށް ހާއްސަ ޖާގައެއް އެ ހޮސްޕިޓަލުގައި ގާއިމުކުރެވިފައި ނެތެވެ. 

ހުޅުމާލޭ ހޮސްޕިޓަލު ހިންގާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާޤް ޙަލީމު "އެމްއެމްޓީވީ"އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ އެ ހިދުމަތަކީ އައިޖީއެމްއެޗްއިން ކުރިއްސުރެ ފޯރުކޮށްދެމުންދާ ހިދުމަތެއް ނަމަވެސް، ހުޅުމާލޭ ހޮސްޕިޓަލުގައި އެ ހިދުމަތް ފޯރުކޮށްދޭން ހާއްސަ ޖާގައެއް ނެތް ކަމަށެވެ. އެ ހޮސްޕިޓަލުގައި އެ ހިދުމަތް ދެމުންއައީ އެމަޖެންސީ ފަޅީގައި ހުރި ޕްރޮސީޖާ ރޫމެއްގައި ކަމަށެވެ. 

ސީއީއޯ ވިދާޅުވި ގޮތުގައި އެގޮތަށް ހިދުމަތް ފޯރުކޮށްދެމުންއައުމުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކުއްލި ފަރުވާ ހޯދަން އަންނަ ބަލިމީހުންނާއި ކުއްލި ނޫން ފަރުވާ ހޯދުމަށް އަންނަ ބަލިމީހުންނަށްވެސް އެއް ތަނަކުން ހިދުމަތް ފޯރުކޮށްދޭންޖެހުމުގެ ސަބަބުން ހިދުމަތް ހޯދުމުގައި ހޭދަވާ ވަގުތު އިތުރުވުން ކަމަށެވެ. 

"އެހެންވީމާ އަޅުގަނޑުމެން މިގާއިމުކުރީ ހޮސްޕިޓަލުގެ އޯޕީޑީ ކައުންޓަރ އިންނަ ފަޅީގައި ވަކި ސަރަހައްދެއް އައުޓް ޕޭޝަންޓް ނާސިން ހިދުމަތަށް ހާއްސަކޮށްގެން، އެތަން ތައްޔާރުކޮށްފައި އެތަނުން ހިދުމަތް ދޭން ފެށީ. މިގޮތަށް ހަމަޖެއްސުމުން އެމަޖެންސީގައި ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުންނަށް އަވަހަށް ހިދުމަތް ލިބި، ރެގިއުލާކޮށް ނާސިން ހިދުމަތް ހޯއްދަވަން ހޮސްޕިޓަލަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވަކިން އެ ސަރަހައްދަކުން ހިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދިޔައީ،" ހަލީމު ވިދާޅުވިއެވެ. 

އެގޮތުން ކުއްލި ފަރުވާގެ ގޮތުގައި ބޭސް އެޅުމަށް ނުވަތަ އިންޖެކްޝަނެއް ޖަހަން ނުވަތަ ނެބިއުލައިޒްކުރަން އަންނަ މީހުންނަށް އަވަހަށް ފަސޭހައިން ހިދުމަތް ލިބިގެންދާނެކަން ހަލީމު ފާހަގަކުރެއްވިއެވެ. ސީއީއޯ ވިދާޅުވި ގޮތުގައި މިތަނުގައި އީސީޖީ ނެގުމާއި، އާވި އެރުވުމާއި، ބޭސް އެޅުމާއި، ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބެލުމާއި، ހަކުރު ބަލީގެ ޓެސްޓުކުރުމާއި، އިންޖިކްޝަން ދިނުމާއި، ލޭ ހަދިޔާކުރާ މީހުންގެ ލޭ ނެގުން ފަދަ ހިދުމަތްތައް ލިބޭނެއެވެ. 

މި ހިދުމަތް ދިނުމަށް އައު ތަނެއް ހަމަޖެހުނު ނަމަވެސް އެމަޖެންސީ ފަޅީގައި ފޯރުކޮށްދެމުންއައި ނާސިން ހިދުމަތް އެގޮތުގައި ބަރާބަރަށް ލިބެމުންދާނެކަން ހަލީމު ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާއިރު އެމަޖެންސީ ހިދުމަތް ފޯރުކޮށްދޭ ފަޅީގައި ހުރި ޖާގައިގެ ދަތިތަކާއި ތޮއްޖެހުމުގެ މައްސަލަތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. 

ހަލީމު ވިދާޅުވި ގޮތުގައި މި ހިދުމަތް ގާއިމުކުރެވިގެންދިޔައީ އެކަމަަށް އޮތް ޑިމާންޑު ފާހަގަކޮށްދެއްވުމުން އެކަމަށް ސަމާލުކަން ދެއްވައިގެން އެ ހިދުމަތް ތައާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި އިސްކަމުގެ ސަބަބުންނެވެ. އަދި މި ހިދުމަތް ތައާރަފުކުރެވުމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުން ހިދުމަތް ހޯދާ ރައްޔިތުންނަށް ވަރަށް ލުއިފަސޭހައެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. 

ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކުރެވުނު އައުޓް-ޕޭޝަންޓް ނާސިން ހިދުމަތް ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށް ލިބޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު