ENGLISH

27 ޖޫން 2026

Advertisement

ދަތުރުފަތުރު ކުރުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށް ފްރާންސުން ގްރޫޕުގެ އެއްވަނަ ބޭނުންވޭ

26 ޖޫން 2026

|

މުޙައްމަދު އަދުހަމް

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އޭއެފްޕީ / ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައި ގައި މިރޭ ނޯވޭއާ ދެކޮޅަށް ކުޅޭ މެޗަށް ނިކުންނައިރު، ފްރާންސްގެ އަމާޒަކީ އެ ގްރޫޕުގެ އެއްވަނަ މަގާމު ހާސިލްކޮށް، ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދުން ކަމުގައި އެ ޓީމުގެ އެސިސްޓެންޓް ކޯޗު، ގާއި ސްޓެފަން ބުނެފިއެވެ.

އެގޮތުން، ފްރާންސުން ގްރޫޕްގެ އެއްވަނަ ހޯދައިފިނަމަ، ބޮސްޓަންގައި ހުންނަ އެ ޓީމުގެ ކޭމްޕާ ދުރު ނޫން ސަރަހައްދެއްގައި ކުރިއަށް އޮތް މެޗުތައް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ މަންމަ ނިޔާވުމާ ގުޅިގެން އޭނާ ފްރާންސަށް ގޮސްފައިވާތީ، މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އެ ޓީމުގެ އެސިސްޓެންޓް ކޯޗު، ސްޓެފަން ބުނީ، މިރޭގެ މެޗުގައި ޑިފެންޑަރު ވިލިއަމް ސަލީބާ ނުކުޅޭނެ ކަމަށާއި، އަނިޔާގެ ސަބަބުން ފޯވާޑް، މާކަސް ތުރާމް ވެސް ބައިވެރިނުވާނެ ކަމަށެވެ.

"ޑިޑިއޭ ބޭނުންވަނީ ގްރޫޕްގެ އެއްވަނަ ހޯދަން. އެއީ ލޮޖިސްޓިކަލީ ބެލި ކަމުގައި ވިޔަސް ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމެއް. ދެވަނަ ލިބިއްޖެނަމަ އެކި ސިޓީތަކަށް ދަތުރުކުރަން ގިނަ ވަގުތު ހޭދަވާނެ. އަދި ފިނިހޫނުމިނުގެ މައްސަލަތައް ވެސް ކުރިމަތިވާނެ،" ސްޓެފަން ބުންޏެވެ.

ފްރާންސްގެ ކޯޗު، ޑެޝޯމްޕްސް (މ) އާއި ސްޓެފަން (ވ) އަދި އެ ޓީމުގެ ގޯލްކީޕިންގ ކޯޗު ރަވިއޮޓް -- ފޮޓޯ: އޭއެފްޕީ / ގެޓީ

މި ދެ ޓީމުވެސް ވަނީ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ނޮކައުޓް ބުރަށް ކޮލިފައިވެފައެވެ. މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ފްރާންސަށް ގްރޫޕްގެ އެއްވަނަ ލިބޭނެ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗަށްފަހު ފައިދާގޯލްގެ ތަފާތުން އެ ޓީމު ކުރީގަ އޮތުމުންނެވެ.

ގްރޫޕްގެ އެއްވަނަ ލިބިއްޖެނަމަ ފްރާންސަށް ކުއާޓާ ފައިނަލާ ހަމައަށް އެމެރިކާގެ އިރުއުތުރު ސަރަހައްދުގައި މަޑުކުރެވޭނެއެވެ. ނަމަވެސް ދެވަނަ ލިބިއްޖެނަމަ ޑަލަސް އާއި މިއާމީގެ އިތުރުން އެޓްލާންޓާ ފަދަ ދުރު ސިޓީތަކަށް ދިގު ދަތުރުކުރަން ޖެހޭނެއެވެ.

ސްޓެފަން ބުނީ، ފްރާންސްގެ ކޯޗު ޑެޝޯމްޕްސް އެ ޓީމާ ގުޅޭނެ ކަމަށް ބެލެވެނީ ހުކުރު ދުވަހުގެ ރޭގަނޑު ނުވަތަ ހޮނިހިރު ދުވަހުގެ ގަޑިއެއް ގައި ކަމަށެވެ.

މިވަގުތު ޓީމާއެކު ކޯޗު ނެތުމުން އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ޑެޝޯމްޕްސް ފަޚުރުވެރިވާ ފަދަ ނަތީޖާއެއް ހޯދުމަކީ ހުރިހާ ކުޅުންތެރިންގެ އެންމެ ބޮޑު އަމާޒު ކަމަށް ފްރާންސްގެ މިޑްފީލްޑަރު އައުރެލިއަން ޗުއަމެނީ ބުންޏެވެ.

މުބާރާތުގައި އިރާޤާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި ލަނޑުޖެހުމަށްފަހު އެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ރޮއިޓަރސް

"ހާލަންޑް ތަ؟ އޭނާ އަކީ ކޮންމެ ވަގުތަކުވެސް ލަނޑުޖެހުމުގެ ގާބިލްކަން ހުރި ކުޅުންތެރިއެއް. މެޗުގައި އަބަދުވެސް އަހަރެމެން ސަމާލުވެ ތިބެން ޖެހޭނެ، ނޫނީ އޭގެ ސަބަބުން ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ލިބިދާނެ،" ޗުއަމެނީ ބުންޏެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނިކުންނައިރު ފްރާންސްގެ އިތުރުން ނޯވޭ ވެސް ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދާފައިވުމާއެކު ދެ ޓީމުގެ ކުޅުންތެރިންނަށް އަރާމު ކުރަން ވަގުތު ދިނުމުގެ ގޮތުން މެޗުން ނުފެނުމުގެ ފުރުސަތު އޮތްއިރު، މި މެޗަކީ މުބާރާތުގެ ރަން ބޫޓަށް ވާދަކުރާ ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ނޯވޭގެ އާލިން ހާލަންޑް ގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރެވެ އެވެ.

އެމްބާޕޭ އާއި ހާލަންޑް ވެސް މިވަގުތު އުޅެނީ ލަނޑުލިސްޓުގެ ދެވަނައިގަ އެވެ. މި ދެ ކުޅުންތެރިން ވެސް މިހާތަނަށް ކުޅުނު ދެ މެޗުގައި ހަތަރު ލަނޑުޖަހައިފައިވާއިރު، މި ލިސްޓުގެ އެންމެ ކުރީގައި އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އުޅެނީ ފަސް ލަނޑުޖަހައިގެންނެވެ.

މުބާރާތުގައި ކުޅޭނެ އެންމެ ބަލާހިތްވާނެ އެއް މެޗުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ފްރާންސާއި ނޯވޭ ބައްދަލުކުރާ މި މެޗު ފަށާނީ ރާއްޖެގަޑިން މިރޭ މެންދަމު 12 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު