ENGLISH
27 ޖޫން 2026
ޕެރަގުއޭއާ އެއްވަރުކޮށް އޮސްޓްރޭލިއާ އަނެއް ބުރަށް، އެމެރިކާ އަތުން މޮޅުވެ ތުރުކީއަށް ހިތްހަމަޖެހުމެއް
26 ޖޫން 2026
|
ވޯލްޑް ކަޕުގައި ޕެރަގުއޭއާ ދެކޮޅަށް އޮސްޓްރޭލިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޑީ ގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ޕެރަގުއޭއާ އެއްވަރުކޮށް އޮސްޓްރޭލިއާ އަނެއް ބުރަށް ދަތުރުކުރިއިރު، މި ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައިވާ އެމެރިކާ އަތުން މޮޅުވެ ތުރުކީ އިން މުބާރާތް ނިންމާލި ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމާއެކު އެވެ.
ޕެރަގުއޭއާ ދެކޮޅަށް އޮސްޓްރޭލިއާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މުބާރާތުން ކަޓާފައިވާ ތުރުކީ އިން އެމެރިކާ އަތުން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު، މި ގްރޫޕުގެ އެއްވަނައިގައި އެމެރިކާ އޮތީ ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އޮސްޓްރޭލިއާ އާއި ތިނެއްގައި އޮތް ޕެރަގުއޭ އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އޮސްޓްރޭލިއާ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ފުލުގައި އޮތް ތުރުކީ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
އެމެރިކާގެ ސެން ފްރާންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފަހުން އޮސްޓްރޭލިއާ ވަނީ ކޮންޓްރޯލް އަތުލައިފައެވެ. އެގޮތުން، ފުރަތަމަ ހާފުގައި އޮސްޓްރޭލިއާ އިން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ޕެރަގުއޭގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ.
ވޯލްޑް ކަޕުގައި ޕެރަގުއޭ އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ފަހު ހާފަށް ކުޅެން ނިކުތްއިރު ޕެރަގުއޭގެ ކޯޗު، ގުސްޓާވޯ އަލްފާރޯ ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން އަލެކްސެންޑްރޯ މައިޑާނާ ގެ ބަދަލުގައި މައުރީސިއޯ ކުޅެން އަރުވާފައެވެ. އެހެންނަމަވެސް، މެޗުގައި އެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
މުބާރާތުގައި މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައިވާ އެމެރިކާ އިން ތުރުކީއާ ދެކޮޅަށް ނިކުތީ އާއްމުކޮށް ކުޅޭ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.
އެމެރިކާގެ ލޮސް އެންޖެލިސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކުރީން ލީޑުނެގީ ވެސް އަމިއްލަ ގައުމުގައި ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ އެމެރިކާ ޓީމުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮސްޓިން ޓްރަސްޓީ އެވެ.
އޭގެ ހަތް މިނެޓުފަހުން، މެޗުގެ 10 ވަނަ މިނެޓުގައި ތުރުކީ އިން އެއްވަރުކުރި އެވެ. ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އާޑާ ގުލާގެ މި ގޯލާއެކު އޭނާ ވަނީ މުބާރާތުގެ ތާރީހުގައި ތުރުކީ އަށް ލަނޑެއްޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
ވޯލްޑް ކަޕުގައި އެމެރިކާ އާއި ތުރުކީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅެން ނިކުތް އެމެރިކާގެ ޑިފެންސްލައިން ތެރެއިން ތުރުކީގެ ކުޅުންތެރިން ދެމިގަނެ، އެޓޭކު ކުރަމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގައި ދެން ފެނިގެންދިޔަ ގޯލުވެސް ކާމިޔާބުކުރީ ތުރުކީ އިންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި ތުރުކީ އަށް މި ލަނޑުޖަހައިދިނީ ބާރިސް ޔިލްމާޒް އެވެ. މި ގޯލާއެކު ތުރުކީ އިން ފުރަތަމަ ހާފު ނިންމާލީ 2-1 އިން ކުރީގަ އޮވެގެންނެވެ.
ފަހު ހާފުގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނެޓުގައި އެމެރިކާ އަށް އެއްވަރުކޮށްދިނީ ސެބާސްޓިއަން ބާހޯލްޓާ އެވެ. މެޗުގައި އެމެރިކާގެ ފުރަތަމަ ލަނޑުޖަހައިދޭން ފުރުސަތު ތަނަވަސްކޮށްދިން ބާހޯލްޓާ މި ލަނޑުޖެހީ އޭރިޔާ ރޮނގު ކައިރިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މެޗުގެ ފަހުބައިގައި އެމެރިކާގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ ވަނީ އެ ޓީމުގެ ތަރިންގެ ތެރެއިން ބައެއް ކުޅުންތެރިން ކުޅެން ނެރެފައެވެ. އެހެންނަމަވެސް، މެޗުގައި ދެން ފެނިގެންދިޔަ ގޯލު ކާމިޔާބުކުރީ ތުރުކީ އިންނެވެ. މެޗުގެ އިތުރުވަގުތުގެ ތެރޭގައި ތުރުކީ އަށް މި ލަނޑުޖަހައިދިނީ ކާން އައިހާން އެވެ.
މި މުބާރާތުގެ ނޮކްއައުޓް ބުރުގައި އެމެރިކާ ނިކުންނާނީ ބޮސްނިއާ އެންޑް ހާޒެގޮވީނާ އާ ދެކޮޅަށެވެ. މި ގްރޫޕުގެ ދެވަނަ މަގާމު ހާސިލްކުރި އޮސްޓްރޭލިއާ ބައްދަލުކުރާނީ މުބާރާތުގެ ގްރޫޕް ޖީ ގެ ދެވަނަ ޓީމާ އެވެ. ތިންވަނައިގައި އޮތް ޕެރަގުއޭ އަށް ވެސް ދެވަނަ ބުރުގެ އުއްމީދު އެބައޮތެވެ. އެ ޓީމު ކުޅެން ޖެހޭ ކަން ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ކުޅުން ނިމި، ތިންވަނަ އަށް ދިޔަ ޓީމުތައް ރޭންކު ކުރެވުމުންނެވެ.