ENGLISH
21 ޖޫން 2026
އެކުއަޑޯއާ އެއްވަރުކޮށް، ކިއުރަސޯ އަށް ތާރީޚީ ޕޮއިންޓެއް
21 ޖޫން 2026
|
އެކުއަޑޯއާ ކިއުރަސޯ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީ ގައި ކުޅުނު މެޗުގައި އެކުއަޑޯއާ 0-0 އިން އެއްވަރުކޮށް، ކިއުރަސޯ އިން މުބާރާތުގެ ތާރީހުގައި ފުރަތަމަ ޕޮއިންޓް ހާސިލްކޮށްފިއެވެ.
މި ނަތީޖާއާއެކު ޖަރުމަނަށް ވަނީ މި ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުވެފައެވެ. އެ ޓީމަށް ކުޅުނު ދެ މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އުޅޭ އައިވަރީ ކޯސްޓަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެކުއަޑޯ އާއި ކިއުރަސޯ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
އެކުއަޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި ކިއުރަސޯގެ ގޯލްކީޕަރު އެލޯއީ ރޫމް ވަނީ ގިނަ ސޭވްތަކެއްކޮށް، އެ ޓީމަށް ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އެގޮތުން، ކިއުރަސޯގެ ކީޕަރު، ރޫމް ވަނީ މުޅި މެޗުގައި 15 ސޭވްކޮށް، މުބާރާތުގެ ތާރީހުގައި 90 މިނެޓުގެ ތެރޭގައި އެންމެ ގިނަ ސޭވްކުރި ކީޕަރުގެ ޝަރަފު ހޯދާފައެވެ.
އެކުއަޑޯއާ ކިއުރަސޯ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ
އެހެންނަމަވެސް، ވޯލްޑް ކަޕުގެ ތާރީހުގައި މެޗެއްގައި އެންމެ ގިނަ ސޭވްކުރުމުގެ ރެކޯޑް އޮންނަނީ އެމެރިކާގެ ކީޕަރު ޓިމް ހަވާޑް އަތުގައެވެ. އެއީ، 2014 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުވަގުތުގެ ކުޅުމަށްފަހު މުޅިއެކު 16 ސޭވްކޮށްގެން އޭނާ ގާއިމުކޮށްފައިވާ ރެކޯޑެކެވެ.
އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން އެކުއަޑޯ އިން ޑޮމިނޭޓްކޮށްފައިވާއިރު، މެޗުގެ ކުރީކޮޅު މޮއިސެސް ކައިސޭޑޯ ދިން ބޯޅައަކުން އެ ޓީމުގެ ކެޕްޓަން އެނާ ވެލެންސިއާ އަށް ލަނޑެއްޖަހައިދޭން ހުސްކޮށް ލިބުނު ފުރުސަތުގައި ކިއުރަސޯގެ ކީޕަރު، ރޫމް ބަލަހައްޓަމުންދިޔަ ގޯލު ފޫއަޅުވައިނުލެވުނެވެ.
ކިއުރަސޯ އަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން، އެ ޓީމުގެ ކެޕްޓަން، ލެއަންޑްރޯ ބަކޫނާ އާއި ޖާގެން ލޮކާޑިއާ އަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ.
ފުރަތަމަ ހާފުގައި ވެސް އެކުއަޑޯގެ ހަމަލާތައް ހުއްޓުވުމުގައި ސާބިތުކަމާއެކު ދެމިހުރި ކިއުރަސޯގެ ކީޕަރު، ރޫމް ވަނީ ފަހު ހާފުގައި އެކުއަޑޯ އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އެ ޓީމުގެ ކެޕްޓަން، ވެލެންސިއާ ބޮލުން ފޮނުވާލި ބޯޅައެއްވެސް މަތަކޮށްފައެވެ.
އެކުއަޑޯއާ ކިއުރަސޯ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ފީފާ.ކޮމް
އެކުއަޑޯ އިން ލަނޑެއްޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން ތިން ފަހަރެއްގެ މަތީން ފޮނުވާލި ބޯޅަތައް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، މުޅި މެޗުގައި އެ ޓީމުން ވަނީ 30ހާ ގާތްކުރާ އަދަދަކަށް ހަމަލާ ފޮނުވާލައިފައެވެ. އެހެންނަމަވެސް، މީގެތެރެއިން އެންމެ ބޯޅައެއްވެސް ގޯލުގެ ތެރެއަށް ވައްދާލެވޭ ގޮތެއްނުވިއެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ކޮންކާކަފް ސަރަހައްދުގެ ޓީމުތަކާއި ކޮންމެބޯލްގެ ޓީމުތައް ބައްދަލުކުރި 33 މެޗުގެ ތެރެއިން ލަނޑެއްނުޖެހި އެއްވަރުވި ތިންވަނަ ފަހަރެވެ. މީގެކުރީން، 1966 ގެ މުބާރާތުގައި އުރުގުއޭއާ މެކްސިކޯ އަދި 2014 ވަނަ އަހަރު މެކްސިކޯއާ ބްރެޒިލް ކުޅުނު މެޗު ނިމުނީ ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
އެކުއަޑޯއާ ދެކޮޅަށް ކުޅުނު މެޗުން ކިއުރަސޯ ހޯދީ ޕޮއިންޓާއެކު މި ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށް، ޖަރުމަނުން ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއި ކުރިމަތިލާއިރު ބާކީ އޮތް ތިން ޓީމަށް ވެސް މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.