ENGLISH
21 ޖޫން 2026
މަސްވެރިންނަށް މިއަދު ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
20 ޖޫން 2026
|
އެންމެ މަޤްބޫލު
މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނައިރު، 26 ދޯންޏަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހުގެ 18 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ޖަމާކުރީ 466،175ރ. (ހަތަރު ލައްކަ ފަސްދޮޅަސް ހަ ހާސް އެއްސަތޭކަ ހަތްދިހަ ފަސް ރުފިޔާ) އެވެ.
މީގެތެރެއިން، އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަސް ކިރުވި 20 ދޯންޏަކަށް 412،605ރ. (ހަތަރު ލައްކަ ބާރަ ހާސް ހަ ސަތޭކަ ފަސް ރުފިޔާ) އެވެ. 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 03 ދޯންޏަށް 3،120ރ. (ތިން ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 09 ދޯންޏަކަށް ވަނީ 50،450ރ. (ފަންސާސް ހާސް ހަތަރުސަތޭކަ ފަންސާސް ރުފިޔާ) ޖަމާކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.
އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.
ނިމިދިޔަ 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ނިންމެވުންތަކެއް ނިންމަވާ، އެ ނިންމެވުންތައް ތަންފީޒުކުރަން ފެށި އަހަރެކެވެ. މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ދަތިނުވެ، ހިފެހެއްޓުމެއް ފޯރުކޮށްދިނުމުގެ ގޮތުން މަސްވެރިން އަތުން މަސް ކިލޯއެއް ގަންނަ އަގު މިއަދު ވަނީ 18.50 ރުފިޔާއަށް ބޮޑުކޮށްފައެވެ. މީގެއިތުރުން، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.
މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށީ ޖަނަވަރީ މަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ. ޖަނަވަރީ 11 ވަނަ ދުވަހު މިފްކޯއިން ކިރުވަން ފެށީ 15 ކިލޯއަށްވުރެ މަތީ ކަންނެއްޔެވެ. އޭގެ ފަހުން އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިންވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުމިނުގެ ކަންނެލިވެސް ކިރުވަން ފަށާފައެވެ. މިފްކޯ އިން މިހާރު ބޮޑުކަންނެލި ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.