ENGLISH
20 ޖޫން 2026
ސްކޮޓްލެންޑް މެޗަށް ނޭމާ ފިޓުވާނެ ކަމަށް ކޯޗު އަންޗެލޮޓީ އުއްމީދުކުރޭ
20 ޖޫން 2026
|
ބްރެޒިލްގެ ތަރި ނޭމާ -- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސީ ގައި ހައިޓީ އަތުން 3-0 އިން ބްރެޒިލް މޮޅުވި މެޗަށްފަހު، ވާހަކަ ދައްކަމުން އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްކޮޓްލޭންޑާ ދެކޮޅަށް ނޭމާ ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންޗެލޮޓީ ބުނީ، ކުރިއެކޭވެސް އެއްގޮތަށް މާދަމާގެ ފަރިތަކުރުންތައް ނޭމާ ކުރިއަށްގެންދާނީ އެހެން ކުޅުންތެރިންނާ ވަކިން ކަމަށެވެ. އެއަށްފަހު، ހޯމަ ދުވަހު ހުރިހާ ކުޅުންތެރިންނާއެކު ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށާއި، ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗަށް ނޭމާ ފިޓްވާނެ ކަމަށް އަންޗެލޮޓީ ބުންޏެވެ.
އުމުރުން 34 އަހަރުގެ ނޭމާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކުން ރަނގަޅުވަމުން އަންނައިރު، އޭނާ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު ބްރެޒިލްގެ ސަންޓޯސް އަށެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ކޮލިފިކޭޝަން ބުރުގައި ކުޅުނު ގިނަ މެޗުތަކެއް އަނިޔާގެ ސަބަބުން ނޭމާއަށް ގެއްލުނު ނަމަވެސް، އޭނާ ކުޅުނު ހަތަރު މެޗުގައި ވަނީ ދެ ލަނޑު ޖަހައި، އިތުރު ތިން ގޯލްޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
ހައިޓީ މެޗުގެ ފުރަތަމަ ހާފުގައި މަތިއަސް ކޫންޔާ ދެ ލަނޑު ކާމިޔާބު ކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ޓީމުގެ ފޯވާޑްލައިނުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭނެ ކަމުގެ ޔަގީންކަމެއް އަންޗެލޮޓީ ނުދިނެވެ. ކޫންޔާ، ޓިމުގެ ފުރަތަމަ އެގާރައިން ފެނިދާނެތޯ ސުވާލު ކުރުމުން އަންޗެލޮޓީ ބުނީ، އެކަން އެގޮތަށް ވުން އެކަށީގެންވާ ކަމަށެވެ.
"އަހަރެންނަށް ހީވަނީ އިދިކޮޅު ޑިފެންސަށް މައްސަލަތައް ކުރިމަތިކުރުވަން މަތެއުސް (ކޫންޔާ) ގެ ރޯލު ވަރަށް ރަނގަޅުހެން. ފޯވާޑްލައިނުގައި އޭނާގެ ދައުރާއެކު ޓީމުން ޖެހި ޕާސްތަކުގެ ބޭނުން ރަނގަޅަށް ހިފުނު،" އަންޗެލޮޓީ ބުންޏެވެ.
ކުރީން ވެސް ވާހަކަ ދެކެވުނު ގޮތަށް އޭނާ އަކީ ކުރިއަށް އޮތް މެޗުގައި ވެސް ބޭނުންކުރެވިދާނެ އޮޕްޝަނެއް ކަމަށާއި، ފަހަރެއްގައި ކުރިއަށް އޮތް މެޗަށް ބަދަލު ގެނެސްފާނެ ކަމަށް އަންޗެލޮޓީ ބުންޏެވެ.
މި ގްރޫޕުގެ ފަހު މެޗުގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން އަންޗެލޮޓީ ބުނީ، ވަކި ޓީމެއް މުބާރާތުން ކަޓުވާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ ޓީމުން މަސައްކަތްކުރާނީ މެޗަކަށްފަހު މެޗެއްގައި ކުޅުން ރަނގަޅު ކުރުމަށް ކަމަށް އަންޗެލޮޓީ ފާހަގަކުރިއެވެ.
"އަހަރެމެންނަށް ގްރޫޕުގެ އެއްވަނަ ލިބިއްޖެނަމަ މުބާރާތުގައި ކުރިއަށްދާން ބަލާއިރު އެކަން މުހިއްމު ވާނެ. އެގޮތަށް ވިސްނައިގެން މެޗަށް ތައްޔާރުވާނީ،" އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީގެ ވާހަކަ ނިންމާލަމުން ބުނީ، ސްކޮޓްލެންޑް ޓީމާ މެދު ސަމާލުވާން ޖެހޭ ކަމަށާއި، މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެކަން ފެނިގެންދިޔަ ކަމަށެވެ. އެހެންކަމުން، އޭނާގެ ޓީމުން އެ މެޗަށް ނިކުންނާނީ ގިނަ ކަންތައްތަކެއް ރަނގަޅުކޮށް، ފުރިހަމަ އަށް ފޯކަސްކޮށްގެން މެޗު ކާމިޔާބުކުރުމުގެ އަމާޒުގައި ކަމަށް އަންޗެލޮޓީ ބުންޏެވެ.