ENGLISH
20 ޖޫން 2026
ކޫންޔާގެ ލަނޑުތަކާއެކު ހައިޓީ ބަލިކޮށް، ބްރެޒިލް ގްރޫޕުގެ އެއްވަނައަށް
20 ޖޫން 2026
|
ވޯލްޑް ކަޕުގައި ހައިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު ބްރެޒިލްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސީ ގައި ކުޅުނު މެޗުގައި މަތެއުސް ކޫންޔާގެ ލަނޑުތަކާއެކު 3-0 އިން ހައިޓީ ބަލިކޮށް، ބްރެޒިލް އެ ގްރޫޕުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު، މި ގްރޫޕުގެ އެއްވަނައިގައި ބްރެޒިލް އުޅެނީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު އެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން މޮރޮކޯ އޮތީ ދެވަނައިގައެވެ. ބްރެޒިލަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ސްކޮޓްލެންޑް ތިންވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އެވެ. ފުލުގައި އޮތް ހައިޓީ އަށް ޕޮއިންޓެއްނުލިބެއެވެ.
ބްރެޒިލުން މި މެޗަށް ނިކުތީ މުބާރާތުގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްގެންެނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ޑިފެންޑަރު ރޮޖާ އިބަނޭޒް އާއި ފޯވާޑް، އިގޯ ތިއާގޯގެ ބަދަލުގައި ކޯޗު ކާލޯ އަންޗެލޮޓީ ވަނީ، ޑަނީލޯ އާއި މަތެއުސް ކޫންޔާ އަށް ފުރުސަތު ދީފައެވެ.
ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބްރެޒިލުން ޖެހި ހުރިހާ ގޯލެއްވެސް ކާމިޔާބުކުރި ފުރަތަމަ ހާފުގައެވެ. މީގެތެރެއިން، ދެ ލަނޑުޖެހީ ކޫންޔާ އެވެ.
މެޗުގައި ކޫންޔާގެ ފުރަތަމަ ލަނޑު، 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިންއިރު މިއީ އެ ޓީމުގެ ތަރި ވިނީޝިއުސް ޖޫނިއާ ފޮނުވާލި ބޯޅައެއް ހައިޓީގެ ކީޕަރު، ޖޮނީ ޕްލެސީޑޭ މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ލިބުމުން ކޫންޔާ ކާމިޔާބުކޮށްދިން ގޯލެކެވެ.
އޭގެފަހުން، މެޗުގެ 36 ވަނަ މިނެޓުގައި ހައިޓީގެ މެދުތެރެއިން ވިނީޝިއުސް ހޯދީ ބޯޅައެއްގެ އެހީގައި ބްރެޒިލްގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ކޫންޔާ އެވެ.
ބްރެޒިލްގެ ތިންވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ވިނީޝިއުސް ކާމިޔާބުކުރީ ލޫކަސް ޕަކޭޓާ ދިން ޕާހަކުންނެވެ. މި ލަނޑުޖެހުމުގެ ކުޑައިރުކޮޅެއް ކުރީން، ބްރެޒިލްގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ، ރަފީނިއާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ.
ދެވަނަ ހާފުގައި ވެސް ބްރެޒިލްގެ ލީޑު އިތުރަށް ފުޅާކޮށްދޭން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން، ފަހު ހާފުގައި ބަދަލަކަށް ކުޅެން އެރި ގެބްރިއެލް މާޓިނެލީ ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، އެންޑްރިކް ލަނޑެއްޖެހިނަމަވެސް އޮފްސައިޑްކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލުނުކުރިއެވެ.
މި މެޗުން ބަލިވުމާއެކު ހައިޓީ ވަނީ މުބާރާތުން ކަޓައިފައެވެ. މުބާރާތުގައި އެ ޓީމު ކުޅޭ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ. އެ ގަޑީގައި ކުޅޭ މި ގްރޫޕުގެ އަނެއް މެޗުގައި ބްރެޒިލް ބައްދަލުކުރާނީ ސްކޮޓްލެންޑާ އެވެ.