ENGLISH

19 ޖޫން 2026

Advertisement

ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ތަޖުރިބާކާރު ޑައިވިން ގައިޑުން

19 ޖޫން 2026

|

އައިމިނަތު ޝަފާ

ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ސަމްޕާ މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިރުޝާދުދީ، އެ ސަރަޙައްދު ބެލެހެއްޓުމުގައި "ސަމްޕާ ގައިޑުން" މުހިންމު ދައުރެއް އަދާކުރަން ފަށައިފިއެވެ.

މި ޕްލޭންގެ ދަށުން ސަމްޕާ ގައިޑެއްގެ ގޮތުގައި ބަލަނީ ވަކި ޚާއްޞަ ޝަރުޠުތަކެއް ފުރިހަމަވެފައިވާ ސްނޯކްލިން އަދި ޑައިވިން ގައިޑުންނެވެ.  އެގޮތުން ސަމްޕާ ގައިޑަކަށް ވުމަށްޓަކައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންޖެހެއެވެ:

* ސަމްޕާ ގައިޑް އިމްތިޙާނުން 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދައިގެން ފާސްވުން.

* މުއްދަތު ހަމަނުވާ އިމަރޖެންސީ ފަސްޓް ރެސްޕޮންސް ސެޓްފިކެޓެއް އޮތުން.

* ރެސްކިއު ޑައިވް ނުވަތަ އެއާ އެއްފެންވަރެއްގެ ސެޓްފިކެޓެއް އޮތުން.

މި އުޞޫލުގެ ދަށުން، ކޮންމެ ހަ ފަތުރުވެރިއަކަށް އެއް ގައިޑަކު ހުންނަންޖެހެއެވެ. މިއީ އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސަމްޕާގެ ޤަވާޢިދުތަކާއި އުޞޫލުތަކަށް ފަތުރުވެރިން އަހުލުވެރިކުރުވުމަށް ކަނޑައަޅާފައިވާ މިންގަނޑެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބަޔާންކުރާ ގޮތުގައި، ސަމްޕާ ސަރަޙައްދަށް ފަތުރުވެރިން ގޮވައިގެންދާ ފަރާތްތަކުން ސަމްޕާ ގައިޑް އިމްތިޙާނުގައި ބައިވެރިވުމަށް [email protected] އަށް އީމެއިލް ކުރަންޖެހެއެވެ. މި އިމްތިޙާނަށް ތައްޔާރުވުމަށް ބޭނުންވާ ކިޔަވައިދޭ ތަކެތި ވުޒާރާގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

ދެކުނު އަރިއަތޮޅުގެ މި ޚާއްޞަ ސަރަޙައްދަކީ ތިމާވެށީގެ ގޮތުން ނާޒުކު އަދި މުހިންމު ސަރަޙައްދަކަށްވާތީ، މިކަމަކީ އެ ސަރަޙައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު