ENGLISH
17 ޖޫން 2026
ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދުމުގެ އަސަރުކޮށްގެން 6 މީހަކަށް ފަރުވާދީފި
17 ޖޫން 2026
|
ހުޅުމާލެ ފްލެޓްގައި އަލިފާނުގެ ހާދިސާ ހިނގާފައި. ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ރޭ ފަތިހު ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައި ބުނީ، އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލެ ފޭސް އެކެއްގެ 141 ނަންބަރު ފްލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ކަމަށެވެ. މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 4:32 ހާއިރު އެވެ.
އަލިފާނުގެ ހާދިސާ ހިނގީ، ބަދިގޭގެ އިލެކްޓްރިކް ޖަގެއްގައި ރޯވެގެންނެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި 4:58 ގައި އަލިފާން ވަނީ ނިއްވާލާފައެވެ.
ހާދިސާގައި ދުމުގެ އަސަރުކޮށްގެން އެގޭގައި ތިބި 6 މީހަކަށް ހުޅުވާލެ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. އަދި ބަދިގެއަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތައް ވަނީ ލިބިފައެވެ.
އެމްއެންޑީއެފުން މީސްމީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވުމުގެ ސަބަބުން ފްލެޓްތެރޭގައި ވަރަށް ބޮޑަށް ދުން އޮތީ ފެތުރިފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ދުމުގެ އަސަރުކުރި 6 މީހުން އެހެން ތަނަކަށް ބަދަލުކުރުމާއި، އެ އާއިލާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންގެންދާ ކަމަށެވެ.