ENGLISH
17 ޖޫން 2026
ޕޭޕަލްއަށް ހިދުމަތްތައް އިތުރުކުރާނެ، ފުރަތަމަ މަރުހަލާއަކީ ދިވެހިންނަށް ސީދާ ޑޮލަރު ލިބޭގޮތް ހެދުން: ނޫމާން
17 ޖޫން 2026
|
ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުން. ފޮޓޯ: އުރީދޫ މޯލްޑިވްސް
އެންމެ މަޤްބޫލު
ރާއްޖެއަށް ތައާރަފްކުރި ޕޭޕަލްގެ ހިދުމަތް އިތުރު ފީޗާސްތަކާއެކު ފުޅާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، އެހެންނަމަވެސް މައިގަނޑު އަމާޒަކަށް އެންމެ ފުރަތަމަ ހެއްދެވީ ދިވެހީންނަށް ސީދާ ޑޮލަރު ލިބޭގޮތް މަގުފަހިކުރުން ކަމަށް، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ފިންޓެކް އެންޑް ޕާޓްނަރޝިޕް އަޙްމަދު ނޫމާ ވިދާޅުވެއްޖެއެވެ.
ނޫމާން މިފަދައިން ވިދާޅުވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި އުރީދޫ ގުޅިގެން ޕޭޕަލްއާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ރޭ ބޭއްވެވި ސެޝަންގައެވެ.
ރޭގެ ސެޝަންގައި ވަޒީރު މުޙައްމަދު ސަޢީދު އާއި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒް އަދި މިިނިސްޓްރީގެ ކޮންސަލްޓަންޓް އެންޑް ޓްރޭޑް އިންވެސްޓްމެންޓް، ޝުހާދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ސަރުކާރުން އިސްނަގައިގެން ކުރި މަސައްކަތުން ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށް، އެ ޚިދުމަތް ފޯރުކޮށްދެނީ އުރީދޫ އެމްފައިސާ ތެރެއިންނެވެ.
ރޭ ބޭއްވި ސެޝަންގައި ނޫމާން ވިދާޅުވީ މި ޚިދުމަތް ގެނައުމުގައި އެންމެ ބޮޑު އަމާޒަކަށް ފުރަތަމަ ހެއްދެވީ ދިވެހީންނަށް ސީދާ ޑޮލަރު ލިބޭނެ ގޮތް މަގުފަހިކުރުން ކަމަށެވެ. އަދި ދިވެހިން ފަރިތަ ކްރިޕްޓޯ ކަރަންސީގެ ހިދުމަތްތަކާއި އިތުރު މާޗަންޓް ހިދުމަތްތައް ޕޭޕަލްގައި ހުންނައިރު އެފަދަ އިތުރު ހިދުމަތްތައް އެމްފައިސާގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ލިބެމުންދާނެ ކަމަށް ނޫމާން ވިދާޅުވިއެވެ.
"އެޑިޝަނަލް ފީޗާސްތައް އަންނަމުން ދާނެ. މިވަގުތު އަޅުގަނޑުމެންގެ މެއިން ފޯކަސް އަކަށް މި ބެހެއްޓީ ޕޭޕަލްއާ އެކީގައިވެސް ރާއްޖެއަށް ޑޮލަރު، ރައްޔިތުން މީހާގެ އަތަށް ފިޒިކަލް ޑޮލަރު އަންނަ ލެވެލްއަށް އަޅުގަނޑުމެން މިކަންތައް ކޮށްފަ މިހުރީ. އަދި އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގަ ދިވެހި އުފެއްދުންތައް ޝޯކޭސްކޮށް ވިއްކާ، އެ ޑޮލަރު ސީދާ ހަމަ އަތަށް އަންނާނެ ލެވެލްގަ. ގޭގަ އިނދެގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭަގައި މިހާރު ކޮށްލެވޭނެ ކަހަލަ ކަންތައްތައް އެއީ. އެ ދޮރު އަޅުގަނޑުމެން މި ހުޅުވާލަދިނީ" ނޫމާން ވިދާޅުވިއެވެ.
ޕޭޕަލް އިތުރަށް ތަރައްޤީކުރުމުގައި ޑިވެލޮޕަރުންނާއެކު މަސައްކަތް ކުރައްވާނެ ކަމަށާއި، ޓެކް އިންޑަސްޓްރީގެ ފަރާތްތަކާ އެ މަޢުލޫމާތުތައް ހިއްސާކުރަމުންގެންދަވާނެ ކަމަށް ނޫމާން ވިދާޅުވިއެވެ.
ޕޭޕަލްގެ ހިދުމަތާއެކު އެމްފައިސާގެ ތެރެއިން ލިބޭ ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުންނަ ޑޮލަރު އެކައުންޓުތަކަށް ވަގުތުން ފޮނުވޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ތިން މިނެޓަށްވުރެ ގިނަ ވަގުތު ހޭދަނުވާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.
ހިދުމަތް "ލައިވް" ކުރުމުގެ ކުރިން ޓެސްޓިން މަރުޙަލާތައް ކުރިއަށްގެންދިޔަ ކަމަށާއި، ހިދުމަތް ތަޢާރަފްކުރީ ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަށަވަރުކޮށްފައިކަން ނިޔާޒް ފާހަގަކުރެއްވިއެވެ.
އަލަށް ތައާރަފްކުރި ޕޭޕަލްގެ ހިދުމަތާއެކު އެންމެ ބޮޑު ފައިދާއެއް ކުރާނީ ގެސްޓްހައުސް ވިޔަފާރީގައި ޝާމިލުވާ ފަރާތްތަކަށް ކަމަށް ނިޔާޒް ވިދާޅުވިއެވެ. މިގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނަށް މިހާރު ފަސޭހަކަމާއެކު ފައިސާ ދެއްކޭނެގޮތް މަގުފަހިވާނެ ކަމަށާއި، އަދި ކުދި ވިޔަފާރިތަކުގެ ތަކެތި ވިއްކުމުގައި ފަސޭހަވާނެކަމަށް ވިދާޅުވިއެވެ. ރާއްޖެ އަންނަ ފަތުރުވެރިންނަކީ ޕޭޕަލްގެ އެކައުންޓުތައް ގެންގުޅޭ މި ޚިދުމަތަށް ވަރަށް އަހުލުވެރި މީހުންކަން ނިޔާޒް ފާހަގަކުރެއްވިއެވެ.