ENGLISH

16 ޖޫން 2026

Advertisement

ޖަޕާނާ އެއްވަރުވުމުންވެސް ކޫމަންގެ ޓެކްޓިކްސް އާއި ބަދަލުތަކުގެ ދިފާއުގައި ވާހަކަ ދައްކައިފި

15 ޖޫން 2026

|

މުޙައްމަދު އަދުހަމް

ނެދަލެންޑްސްގެ ކުޅުންތެރިންނަށް ކޫމަން (މ) އިރުޝާދުދެނީ --- ފޮޓޯ: ރޮއިޓާސް

ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި ޖަޕާނާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގައި އޭނާ ބޭނުންކުރި ޓެކްޓިކްސްތަކާއި ބަދަލުތަކުގެ ދިފާއުގައި ނެދަލެންޑްސްގެ ކޯޗު، ރޮނަލްޑް ކޫމަން ވާހަކަދައްކައިފިއެވެ.

އާދިއްތަ ދުވަހު ކުޅުނު މި މެޗުގައި ދެ ފަހަރުމަތީން ނެދަލެންޑްސް އިން ލީޑުނެގިނަމަވެސް، އެ ޓީމަށް މެޗު ކާމިޔާބުނުކުރެވި މުހިއްމު ދެ ޕޮއިންޓް ވަނީ ގެއްލިފައެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޫމަން ބުނީ، އޭނާ ބޭނުންކުރި ޓެކްޓިކްސްއާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށާއި، އަދި މެޗު އެއްވަރުވާން މެދުވެރިވީ ދިފާއީ ކުޅުން ބަލިކަށިވުމުން ކަމަށެވެ.

"ދެ އަރިމަތިން ކުރަމުންދިޔަ ޕްރެޝަރު ހުއްޓުވުމުގައި ވެސް މައްސަލަތަކެއް ދިމާވި. މުޅި މެޗަށް ބަލާއިރު، ދެ ގޯލު ވަތް އިރުވެސް އަހަރެމެންނަށް ރަނގަޅަށް ޑިފެންސް ނުކުރެވުނު،" ކޫމަން ބުންޏެވެ.

މެޗުގެ ކުރިން މެމްފިސް ޑިޕާއީ ކުޅެން ފިޓް ކަމަށް ބުނި ނަމަވެސް، ކޫމަން ނިންމީ ނެދަލެންޑްސްއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ޑިޕާއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނެރުމަށެވެ.

ޑިޕާއީ ކުޅެން އެރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑޮންޔެލް މާލެންގެ ބަދަލުގައެވެ. ނަމަވެސް، ޑިޕާއީއަށް އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ނުރައްކާތެރި ފައުލެއް ކުރުމުގެ ސަބަބުން އޭނާއަށް ވަނީ ރީނދޫ ކާޑެއް ވެސް ދައްކާފައެވެ.

"ފުޓްބޯޅައަކީ ވަރަށް ތަފާތު ކުޅިވަރެއް. ޖަޕާނުން ދެވަނަ ލަނޑު ޖެހުމަށްފަހު އެމީހުންވެސް ފަހަތަށް ޖެހި ދިފާއީ ކުޅުމަށް އިސްކަންދިން. އެހެންކަމުން އަހަރެމެންނަށް ތިންވަނަ ލަނޑެއް ޖެހުމުގެ ފުރުސަތު ވެސް އޮތް. އެހެންވެ، އަހަރެން ނިންމި ނިންމުންތަކާ މެދު އެއްވެސް އިއުތިރާޒެއް ނެތް." ކޫމަން ބުންޏެވެ.

ކޫމަން އިތުރަށް ބުނީ، ޖަޕާނާ ދެކޮޅަށް އޭނާގެ ޓީމުން ދެއްކީ އެންމެ އާދައިގެ ކުޅުމެއް ކަމަށާއި، މީޑިއާތަކުން ޖަޕާނުގެ ހަގީގީ ފެންވަރު ދަށްކޮށްލާ، އަންޑަރޭޓްކުރާ ކަމަށެވެ.

"ޔަގީނުންވެސް އަހަރެމެން މިއަށްވުރެ ރަނގަޅަށް ކުޅެންޖެހޭ. މުބާރާތް ކުރިއަށްދާ ވަރަކަށް މެޗަކަށްފަހު މެޗެއްގައި ކުޅުން އިތުރަށް ރަނގަޅު ކުރަމުން ގެންދަން ޖެހޭ،" އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު