ENGLISH
20 ޖޫން 2026
އެއެްބަސްވުމުގައި ސޮއިކުރުމުގެ ވަގުތު ކުޑަތަންވަނިކޮށް ނަތަންޔާހޫ ކެބިނެޓާ ބައްދަލުކުރަނީ
14 ޖޫން 2026
|
އެންމެ މަޤްބޫލު
އެމެރިކާ އާއި އީރާނުން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެކުލަވާލި އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރުމުގެ ވަގުތު ކުޑަތަންވެފައިވާ މިދަނޑިވަޅުގައި ޔަހޫދީންގެ އަނިޔވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުއްލި ގޮތަކަށް އޭނާގެ ކެބިނެޓާ ބައްދަލުކުރަން ނިންމައިފިއެވެ.
އެމެރިކާއާއި އިސްރާއީލުން އިރާނަށް ހަމަލާދޭންފެށިތާ މިއަދަށް 107 ދުވަސް ފުރިފައިވާއިރު އެމެރިކާއާ އެކު ހަދާ އެއްބަސްވުމުގެ މުހިންމު ނުކުތާތައް އީރާނުން ވަނީ މިފަހުން ހާމަވެސް ކޮށްފައެވެ.
އިރާން- އެމެރިކާ އެއްބަސްވުމުގެ މުހިންމު ނުކުތާތައް:
ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ކެބިނެޓާ ކުއްލި ގޮތަކަށް ބައްދަލުކުރަން ނިންމީ މި އެއްބަސްވުމާ ގުޅިގެން ޔަހޫދީން އަޅާނެ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމުމަށްކަމަށްވެއެވެ. މި ބައްދަލުވުން ތާވަލުކޮށްފައިވަނީ ރާއްޖެ ގަޑިން މިރޭ 10:30 އަށެވެ.
އެއްބަސްވުމާއެކު ޔަހޫދީންގެ ކަންބޮޑުވުން: އީރާނު ބާރުގަދަވެ، އަސްކަރީ ފުރުސަތުތައް ހަނިވާނެ
އިސްރާއީލުގެ ސަލާމަތީ އިދާރާތަކުން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި އީރާނުގެ ބާރުގަދަވެ، ލުބުނާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ހަމަލާދިނުމަށް ޔަހޫދީންނަށް އޮތް ފުރުސަތު ހަނިވެގެންދާނެއެވެ. އަދި އެއްބަސްވުމުގެ ސަބަބުން އީރާނަށް އަސްކަރީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުން ހުއްޓި، އެމެރިކާއަށް ޕްރެޝަރުކޮށްގެން އިރާނާ ދެކޮޅަށް ޔަހުދީން ފެށި ހަނގުރާމައިގެ މަގްސަދުތައް ހާސިލުނުވެ ބޮޑު ނާކާމިޔާބަކާ ކުރިމަތިލާންޖެހޭނެއެވެ.
ޔަހުދީ މީޑިއާތަކުން ބުނާ ގޮތުގައި، ލުބުނާނުގެ ދެކުނުގައި އެމީހުން ހަދާފައިވާ "ބަފަރ ޒޯން" އިން ޔަހޫދީ ސިފައިން ފޭބުމަށް ގަސްތެއް ނުކުރެއެވެ. ނަމަވެސް، އެމެރިކާއާއި އީރާނުގެ އެއްބަސްވުމަށް ހުރަސްނޭޅުމުގެ ގޮތުން، ލުބުނާނަށް ދޭ ހަމަލާތައް މަދުކުރުމަށް ވަނީ ނިންމާފައެވެ.
ލެޕިޑްގެ ފާޑުކިޔުން: ނަތަންޔާހޫގެ ސިޔާސީ ނާކާމިޔާބީއެއް
މި އެއްބަސްވުމުގެ ސަބަބުން ޔަހޫދީންނަށް އެމީހުން މަގުސަދު ހާސިލުނުވާތީ ނަތަންޔާހޫގެ އެންމެ ބޮޑު ވާދަވެރިޔާ އަދި އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރު ލެޕިޑް ވަނީ ނަތަންޔާހޫގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ލެޕިޑްގެ ނަޒަރުގައި މި އެއްބަސްވުން މިގޮތުގައި އޮވެ ތަންފީޒުކުރަން ފަށައިފިނަމަ އެއީ އިސްރާއީލަށް ލިބުނު ވަރަށް ބޮޑު ސިޔާސީ ނާކާމިޔާބީއެކެވެ. އޭނާ އިތުރަށް ބުނީ ނަތަންޔާހޫގެ ސަބަބުން އިސްރާއީލަކީ އަމިއްލަ ސަލާމަތީ ކަންކަމުގައި އެހެން ބައެއްގެ އިރުޝާދަށް ތަބާވާންޖެހޭ ގައުމަކަށް ވެފައިވާ ކަމަށެވެ.
ލިޓާނީ ކޯރާއި 'ރީނދޫ ރޮނގު'
ޔަހޫދީން މިދިޔަ އޭޕްރީލް މަހު ވަނީ ލުބުނާނުގެ ލިޓާނީ ކޯރުގެ ދެކުނުގައި ރީނދޫ ރޮނގެއް ކަނޑައަޅާފައެވެ. މިއީ ޣައްޒާގައިވެސް އެމީހުން ގެންގުޅޭ ފަދަ އުސޫލެކެވެ. ޔަހޫދީން ބުނަމުން އަންނަނީ މި ސަރަހައްދަށް ލުބުނާނުގެ ރައްޔިތުން އެނބުރި އައުމަކަށް ފުރުސަތު ނުދޭނެ ކަމަށާއި، އަދި މި ސަރަހައްދަކީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާގެ ތެރޭގައު ހިމެނޭނެ ސަރަހައްދެއް ނޫން ކަމަށެވެ.
ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އެމެރިކާގައި ލުބުނާނާއެކު މަޝްވަރާތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ނަމަވެސް އީރާނާއެކު ވެވޭ އެއްބަސްވުމުގެ ސަބަބުން މި ހުރިހާ ކަމަކަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.