ENGLISH
14 ޖޫން 2026
ގާސިމްގެ ނަމޫނާ މަސައްކަތްޕުޅެއް، ސާބިތުކޮށްދެއްވީ ދިވެހިންނަށް ވާނެކަން
14 ޖޫން 2026
|
ގާސިމް ތަރައްގީކޮށްފައިވާ މޭބިސްކަދުރު ދަނޑު.
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ތަސައްވުރަކާއެކު ރާއްޖޭގައި ދިވެހި ރުއް އާލާކުރުމުގެ މަސައްކަތްޕުޅު ކުރީގެ ވަޒީރު އިލްޔާސް އިބްރާހީމް ކުރެއްވިކަމަށް ތާރީހު ހެކިދެއެވެ. ނަމަވެސް ޒަމާނާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުގެ ސަބަބުން މިހާރު ރާއްޖެއަށް ބޭނުންވާ ކާށި މިޖެހެނީ އިމްޕޯޓުކުރާށެވެ. ދިވެހި މާހައުލުގައި ހެދޭ ތަކެތި ހޯދުމަށްވެސް ދިވެހިން ބަރޯސާވާންޖެހިފައިއޮތީ ރާއްޖެއިން ބޭރަށެެވެ. މި ސަބަބާހުރެ ދިވެހިރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅެކެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ސަން އައިލެންޑް ރިސޯޓުން މިއަދު ފެންނަމުން ދަނީ ގޮންޖެހުންތަކާއެކުވެސް މަސައްކަތްކޮށްފިނަމަ ރާއްޖޭގައިވެސް ދަނޑުވެރިކަމުގެ ތަފާތު ބާވަތްތައް ހެއްދޭނެކަމުގެ މިސާލުތަކެވެ. މިފަހުން އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބުނީ އާއްމުކޮށް ފިނިމޫސުމުގައި ހެދޭ މޭބިސްކަދުރުގެ އެކި ކުލަކުލައިގެ ބާވަތްތައް ގާސިމްގެ ލަފާފުޅާއި ބެލެހެއްޓެވުމުގެ ދަށުން އެމަނިކުފާނުގެ ރިސޯޓުގައި ހައްދާފައިވާ ފޮޓޯތަކަށެވެ. މި ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ގާސިމްގެ އަރިސް ބޭފުޅެއް ކަމަށްވާ އަހުމަދު ނިހާން ހުސެއިން މަނިކެވެ.
މި މަސައްކަތުގެ ކާމިޔާބީއާ ގުޅޭ ގޮތުން "އެމްއެމްޓީވީ"އާ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ މިއީ ރާއްޖޭގެ ދަނޑުވެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
ގާސިމް އިންދެވި މޭބިސްކަދުރު ދަނޑުން މިފަހުން ކެނޑި މޭބިސްކަދުރުތައް.
ނިހާނު ވިދާޅުވިގޮތުގައި ގާސިމް މޭބިސްކަދުރު ހެއްދުމުގެ މަސައްކަތްޕުޅު ފެއްޓެވީ ކޮވިޑްގެ އާލަމީ ބަލިމަޑުކަމުގެ ދުވަސްވަރެވެ. އިޓަލީން ގެންނެވި މޭބިސްކަދުރުގެ އެކި ވައްތަރުތަކުގެ މުޑުވައްތައް ސަން އައިލެންޑުގެ ވަކި ސަރައްދެއްގައި އިންދަވައި ގާސިމްގެ ބެއްލެވުމުގެ ދަށުން އެކަމަށް ވަކި ޓީމެއް ނަންގަވައިގެން ދަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ނިހާނު ވިދާޅުވި ގޮތުގައި މޭބިސްކަދުރު ހެއްދުމަށް ގާސިމް ކެމިކަލް ބޭނުންފުޅެއް ނުކުރައްވައެވެ. މޭބިސްކަނދުރު ކެނޑުމާއެކު ވަކި ތަރުތީބަކަށް ދަނޑު ކޮށާލައެވެ. އޭރުން އައު ބުރަކަށް މޭވާ އެޅުމަށް ގަސްތައް ތައްޔާރުވެއެވެ. މިއީ މިކަމުގެ ފަންނީ އިލްމު ރަނގަޅަށް ހޯދައިގެން މުޑުވައް ރަނގަޅުކުރަން ކުރާ ކަމެއްގެގޮތުގައި ނިހާން ސިފަކުރެއްވިއެވެ.
މި މޭބިސްކަނދުރު ދަނޑުން މިހާރު ދެ ބުރަށް މޭބިސްކަދުރު ކަނޑާފައިވާއިރު ތިން ވަނަ ބުރަށް މޭބިސްކަދުރު ކަނޑާނީ އަންނަ ނޮވެމްބަރު މަހުއެވެ. މޭބިސްކަދުރުގެ ރަހަ އެނގޭ މީހެއްގެ ހައިސިއްޔަތުން ނިހާނު ފާހަގަކުރެއްވި މޭބިސްކަދުރުތަކުގެ ރަހަ ވަރަށް ރަނގަޅުކަމެވެ.
ގާސިމް، އެމަނިކުފަނު ހައްދަވާ ފަޅޯ ދަނޑުގެ ކައިރީގައި.
މޭބިސްކަދުރުގެ އިތުރުން ފަޅޯ، ޑްރެގަންފުރުޓު، އަދި އެކި ބާވަތުގެ މޭވާ އަޅާ ފުޑް ވިލެޖެއް މިދިޔަ ދެ އަހަރުގެ ތެރޭގައި ގާސިމް ވަނީ ތަރައްގީ ކުރައްވައިފައެވެ. ސަން އައިލެންޑުގެ ރެސްޓޯރެންޓުތަކުގެ ސުފުރާއިން މިތަކެތި ކޮންމެ ދުވަހަކު ލިބެމުންދެއެވެ.
"104 ގަސް ޑްރެގަން ފުރުޓް ދަނޑެއްވެސް އޮންނާނެ. މިއީ ހަމަ ވަކި ތަރުތީބުން ޕިލިޕީންސްއިން މުޑުވައް ގެނެސްގެން ހައްދާފައިވާ ދަނޑެއް، ރާއްޖޭގެ އެއްވެސް ތަނެއްގައި ނޯންނާނެ މިވަރުގެ ދަނޑެއް. ގާސިމް ހާމަކޮށްދެއްވަނީ މިކަން ކުރެވޭނެކަން ރާއްޖޭގައިވެސް، ބޭހާ ނުލާ އަނެއްކާ ހައްދަވަނީ، އެ ރިސޯތަކަށް ބޭނުންވާ ތަކެތި އެ ރިސޯޓަކުން ލިބޭނެގޮތް ފަހިކުރައްވަނީ، ގާސިމްގެ ތަސައްވުރެއް މާކުރިންވެސް އެއީ މީހުން ދިރިއުޅުމަށް ރަށްރަށް ހިއްކާގޮތަށް ހަމަ ދަނޑުވެރިކަމަށް ނުވަތަ ފުޑް ސެކިއުރިޓީއަށް ވެސް ރަށްތައް ތަރައްގީކުރުމަކީ،". ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ މި ދަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު ވަރަށް ގިނަ ބަޔަކު ރަހަ ބަލަން ބޭނުންވެގެން އުޅުނުކަމަށާއި އެހެންކަމުން ގާސިމަށް އެކަން ހުށަހަޅުއްވާނެކަމަށެވެ.
" ރަހަ ބަލާލެވޭނެ، އަޅުގަނޑު ގާސިމަށް ދަންނަވާނަން، އަޅުގަނޑަށްވެސް ވަރަށް ގިނަ ބަޔަކު ގުޅާފައިވެސް މެސެޖުކޮށްފައިވެސް ބުނި ރަހަ ބެލޭނެގޮތް ހަދާދޭށޭ،". ނިހާން ވިދާޅުވިއެވެ.
ގާސިމްގެ މި މަސައްކަތްޕުޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައްޔާއި ދަނޑުވެރިކަމުގެ ދާއިރާގައި ވެސް ނަމޫނާ މަސައްކަތެކެވެ. ގާސިމް ފެއްޓެވި މި މަސައްކަތުން ސާބިތުކޮށްދެނީ، ހިތްވަރާއި ނުގުޑާ އަޒުމަކާއެކު މަސައްކަތް ކޮށްފިނަމަ، ރާއްޖޭގެ ފަސްގަނޑުގައިވެސް ބޭރުގެ މޭވާތައް ކާމިޔާބުކަމާއެކު ހެއްދިދާނެ ކަމެވެ.