ENGLISH

10 ޖޫން 2026

Advertisement

މާލެ ޔޫތު ހަބުގައި ފީފާ ވޯލްޑް ކަޕް 2026 ގެ މެޗުތައް ހިލޭ ބަލާލުމުގެ ފުރުސަތު

10 ޖޫން 2026

|

ފާތުމަތު އަދާ

މި މަހުގެ 11 އިން ޖުލައި 19 ގެ ނިޔަލަށް ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގެ ހުރިހާ މެޗެއް މާލެ ޔޫތު ހަބުގައި ހިލޭ ބަލާލުމުގެ ފުރުސަތު ހުޅުވާލާފިއެވެ.

‎މެޗުތަކުގެ އިތުރުން، މުބާރާތް ކުރިއަށްދާ މުއްދަތުގައި މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކާބޯތަކެތީގެ ސްޓޯލްތަކާއި އަމިއްލަ ވިޔަފާރިތަކުގެ އުފެއްދުންތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ފަސް ހަފުތާގެ މުއްދަތަކަށް ކޮކާކޯލާ މޯލްޑިވްސްގެ ފަރާތުން ހިލޭ ބުއިންތައް ލިބުމުގެ އިތުރުން، ޖޫން 12 އިން ފެށިގެން ހަ ހުކުރު ދުވަހެއްގެ ހަވީރު ކުޑަކުދިންގެ ފެސްޓިވަލްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މެޗުތައް ފެށުމުގެ ކުރިންނާއި ހާފްޓައިމް ބްރޭކުތަކުގައި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންނާއި، ޒުވާން ލީޑަރުން އަދި މަޝްހޫރު ފަރާތްތަކުން ހުށަހަޅާދޭ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ފެނިގެންދާނެއެވެ.

‎ސަޕޯޓަރުންނަށް އިނާމުތަކެއް ލިބޭ ހަފުތާގެ ގުރުއަތުލުންތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މީގެތެރޭގައި ފީފާ ވޯލްޑް ކަޕުގެ ރަސްމީ ފުޓްބޯޅައަކާއި، ޔޫތު ހަބް ޖިމްގެ އެއް މަސް ދުވަހުގެ މެމްބަރޝިޕްގެ އިތުރުން ސްޕޮންސަރުންގެ އެކި ހަދިޔާތައް ހިމެނެއެވެ. އަދި އޮންލައިންކޮށްނާއި ފޭން ޒޯންތަކުގައި ފުޓްބޯޅައާ ގުޅުންހުރި މުބާރާތްތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ވީޑިއޯ ގޭމިންގ ހަރަކާތްތަކާއި، މިނީ ގޯލް-ޝޫޓް ޗެލެންޖުތަކާއި، ކޮންމެ ދުވަހަކު ބާއްވާ ފުޓްބޯޅަ ކުއިޒް މުބާރާތްތައް ހިމެނެއެވެ.

ސީއެޗްއެސްއީ ކައިރީގައި، ލިލީ މަގުގައި ކުރިއަށްދާ މި ހަރަކާތަކީ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ހަރަކާތެކެވެ. މީގެ ބޭނުމަކީ ކުޅިވަރުގެ ތެރެއިން އެއްބައިވަންތަކަމާއި އިޖުތިމާއީ ރޫހު އާލާކޮށް، ރައްކާތެރި އަދި ފޯރިގަދަ މާހައުލެއްގައި ޒުވާނުންނާއި، އާއިލާތަކާއި، އަދި ފުޓްބޯޅަ ސަޕޯޓަރުން އެއްތަނަކަށް ޖަމާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު