ENGLISH

10 ޖޫން 2026

Advertisement

ޓީސީ އާއި ބިސް ބުރުގެ ކުރިމަތިލުން އެއްވަރު

09 ޖޫން 2026

|

އިސްމާއިލް ޝާހު

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ޓީސީ އާއި ބިސް ބުރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ޓީސީ ސްޕޯޓްސް ކުލަބާއި ބިސް ބުރު ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކަކީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ. 

ކޮލިފައިންގައި މިރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ޓީސީންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް މުޙައްމަދެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ބިސް ބުރުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އާމިރު ޝޮއެއިބް އެލްޞާދިގު މުޙައްމަދެވެ.

މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ. ކޮލިފައިންގެ މެޗުތައް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް އާއި ބިސް ބުރު ބައްދަލުކުރާއިރު، އެރޭ ކުޅޭ މެޗުގައި ވާދަކުރާނީ ހުރާ އާއި ގައްދޫއެވެ.

ކިޔުންތެރިންގެ ހިޔާލު