ENGLISH
09 ޖޫން 2026
ގައްދޫ ބަލިކޮށް ދިއްދޫން ފެށުން ރަނގަޅުކޮށްފި
08 ޖޫން 2026
|
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ގައްދޫ އާއި ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
އެންމެ މަޤްބޫލު
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ގދ. ގައްދޫ ބަލިކޮށް، ހއ. ދިއްދޫން ފެށުން ރަނގަޅު ކޮށްފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ދިއްދޫން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކަކީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ.
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ގައްދޫ އާއި ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
ކޮލިފައިން ބުރުގެ ކުޅުން މިއަދު ފެށިއިރު، މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދިއްދޫން ކާމިޔާބުކުރީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ހުސައިން ޝިފާހު ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ގާނާގެ ކުޅުންތެރިޔާ ޔުސިފް އަފުލްއެވެ.
މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ. ކޮލިފައިންގެ މެޗެއް މާދަމާރޭ ކުޅޭއިރު، އެ މެޗުގައި ބައްދަލުކުރާނީ ބިސް ބުރާއި ޓީސީއެވެ.