ENGLISH

07 ޖޫން 2026

Advertisement

ފްރެންޗް އޯޕަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ސިނިއަކޯވާ އާއި ޓައުންސެންޑް ހޯދައިފި

07 ޖޫން 2026

|

ސުވެއިދާ ހުސެއިން

ކަތެޖީނާ ސިނިއަކޯވާ އާއި ޓޭލާ ޓައުންސެންޑް: މި ޖޯޑުން ވަނީ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ޑަބަލްސް ތަށި ނަގާފައި --

މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ކަތެޖީނާ ސިނިއަކޯވާ އާއި ޓޭލާ ޓައުންސެންޑް ހޯދައިފިއެވެ.

މިއަދު ކުޅުނު ފައިނަލް މެޗުގައި މި ޖޯޑުން ވަނީ ދެވަނައަށް ސީޑުކުރެވިފައިވާ އަނާ ޑެނިލީނާ އާއި އަލެކްސަންޑްރާ ކްރޫނިކްގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދާފައެވެ. އެއީ 6-2 އަދި 7-5 އިންނެވެ.

މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅު ސިނިއަކޯވާގެ ފަރާތުން ކޮންމެވެސް ވަރެއްގެ ގޯސްތަކެއް ފެނިގެންދިޔަ ނަމަވެސް، އެމެރިކާގެ ޓައުންސެންޑް ދެއްކި ހުށިޔާރު ކުޅުމާއެކު އެ މީހުން އަލުން މެޗުގެ ތެރެއަށް ވަނެވެ. އަދި ސިނިއަކޯވާގެ ބާރުގަދަ ސަރވިސްތަކާއެކު މި ޖޯޑުން ވަނީ އެ މީހުންގެ ތިންވަނަ ގްރޭންޑް ސްލޭމް ތަށި ކަށަވަރުކޮށްފައެވެ.

އުމުރުން 30 އަހަރުގެ ސިނިއަކޯވާ ވަނީ މިހާތަނަށް އަންހެން ޑަބަލްސްގައި 11 ގްރޭންޑް ސްލޭމް ތަށި ހޯދާފައެވެ. އޭގެ ތެރޭގައި ފްރެންޗް އޯޕަންގެ ހަތަރު ތަށި ހިމެނެއެވެ.

މި މެޗުން ނާކާމިޔާބު ވި ކަޒަކިސްތާނުގެ ޑެނިލީނާ އާއި ސާބިއާގެ ކްރޫނިކްގެ ޖޯޑު ވަނީ މި އަހަރުގެ ޖެނުއަރީ މަހު އޮތް އޮސްޓްރޭލިއަން އޯޕަން ފައިނަލުން ބަލިވެފައެވެ. މިއީ ފްރެންޗް އޯޕަން ފައިނަލުންވެސް ނާކާމިޔާބުވި ދެވަނަ ފަހަރެވެ.

މެޗުގެ ފުރަތަމަ ހަތަރު ގޭމުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ސިނިއަކޯވާ އާއި ޓައުންސެންޑް ވަނީ ބާރުގަދަ ޝޮޓުތަކެއް ބޭނުންކޮށް، އޭގެ ފަހުން ކުޅުނު ހަތަރު ގޭމު ކާމިޔާބުކޮށް، ފުރަތަމަ ސެޓު ހޯދާފައެވެ.

ދެވަނަ ސެޓުގެ ކުރީކޮޅު ޑެނިލީނާ އާއި ކްރޫނިކް 3-0 އިން ކުރީގައި އޮތް ނަމަވެސް، ޓައުންސެންޑުގެ މޮޅު ކުޅުމާއެކު ޗެކް-އެމެރިކާ ޖޯޑުން ވަނީ ހަތްވަނަ ގޭމުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ ފަހުން ނަތީޖާ 5-5 ގައި އޮއްވައި، އެ މީހުން ވަނީ އިތުރަށް ރަނގަޅުކޮށް، މޮޅު ކުޅުމެއް ދައްކައި، ތަށި އުފުލާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު