ENGLISH
06 ޖޫން 2026
އެސްޓީއޯގެ 193 ފާމަސީއެއް ޖުލައި މަހު ދައުލަތުގެ ބޭސް ކުންފުނީގެ ދަށަށް
06 ޖޫން 2026
|
ބޭސްފިހާރައެއް.
އެންމެ މަޤްބޫލު
އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސް ފިހާރަތައް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދައުލަތުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ދައުލަތުގެ ބޭސް ކުންފުނީގެ މޭނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ކުންފުނިން ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީ މަރުހަލާތަކަކަށް ބަހާލައިގެންކަމަށާއި މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސް ފިހާރަތައް ކުންފުނީގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުގެ ބޭސް ކުންފުނިން އެސްޓީއޯގެ ބޭސް ފިހާރަތަކާ ރަސްމީކޮށް ހަވާލުވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންކަމަށް ޝާހު ވިދާޅުވިއެވެ.
"މި ފޯކަސް ކުރަނީ އެއީ 193 ފާމަސީ، އަދި މުޅިން އަލަށް އަޅުގަނޑުމެން ހުޅުވި ފާމަސީއެއް އައިޖީއެމްއެޗްގައި މިހުރީ. އެ ފާމަސީ ލައިގެން 194 ފާމަސީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނާނެ. އެ ތަންތަނުގެ ސަޕްލައިއާއި ކޮންސިއުމަަބަލްސް، މިބައިގަ މިހާރު ތައްޔާރުވަނީ، މި މަސައްކަތް ދަނީ ކުރިއަށް، ޖުލައި މަހުގެ ކުރިން އެބައި ފުރިހަމަ ކުރެވޭނެ،". ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ބޭސް ކުންފުނިން މިހާރު ވެސް ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު ރައްޔިތުންގެ ފަރާތުން ލިބޭ ތަރުހީބު ވަރަށް ބޮޑުކަމަށެވެ.
ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް މި ކުންފުނީގެ މަސައްކަތެކެވެ.
އެކުންފުނި މެދުވެރިކޮށް ބޭސް ހޯދުމަށް ގުޅާނޭ ހޮޓްލައިން 1505 އަދި ސްޓޭޓްފާމާ ޕޯޓަލް މިހާރު ތައާރަފުކޮށްފައިވާއިރު މުހިންމު ބޭހާއި ސިއްހީ ސާމާނު ހޯދުމުގައި އެހީ ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް 1505 އަށް ގުޅުމަށް ނުވަތަ ޕޯޓަލް މެދުވެރިކޮށް އޯޑަރުކުރުމަށް ޑރ. ޝާހް ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.