ENGLISH
02 ޖޫން 2026
ރާއްޖެ ބަލިކޮށް އަފްޣާނިސްތާނުން ފެށުން ރަނގަޅުކޮށްފި
01 ޖޫން 2026
|
ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި އަފްޣާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
އެންމެ މަޤްބޫލު
ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ބަލިކޮށް އަފްޣާނިސްތާނުން ފެށުން ރަނގަޅުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު އަފްޣާނިސްތާނުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ރާއްޖެ ބަލިވުމާއެކު، އަފްޣާނިސްތާނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.
މިރޭ ކުޅުނު މެޗު ފަށައިގެން އަފްޣާނިސްތާނުން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި އޭރިއާ ބޭރުން މުސްތަފާ އޮމަރްޚެއިލް ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން ރާއްޖޭގެ އިބްރާހީމް އައިސަމްވެސް އޭރިއާ ބޭރުން ހަމަލާއެއް އުފެއްދިއިރު، އެ ހަމަލާ އަފްޣާނިސްތާނުގެ ގޯލްކީޕަރު ފައިސަލް އަޙްމަދު ހަމީދީ ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގެ 30 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އަފްޣާނިސްތާނުގެ އަމީން ނަބީޒާދާއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ރާއްޖޭގެ އަހުޒަމް ރަޝީދު ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އަފްޣާނިސްތާނުގެ ގަމަރުއްދީން ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މި މެޗުގެ ދެވަނަ ހާފު ރާއްޖެއިން ފަށާފައިވަނީ ބަދަލަކާ އެކުގައެވެ. އެގޮތުން އަހުޒަމްގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ކުޅުން ނުކުތުމާއެކު، ރާއްޖެއިން ވަނީ އެޓޭކުތައް ވަރުގަދަކޮށްފައެވެ. އަދި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހަމްޒާ މުޙައްމަދު (ހަމްޕު) ގެ ބަދަލުގައި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ކުޅެން ނެރުނުއިރު، މެޗުގެ 60 ވަނަ މިނެޓުގައި އޭނާ ވަނީ އޭރިއާ ތެރެއިން ހަމަލާއެއް އުފައްދާފައެވެ. އެ ހަމަލާ އަފްޣާނިސްތާނުގެ ކީޕަރު ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.
މި މެޗުގައި އަފްޣާނިސްތާނުން ރާއްޖޭގެ ގޯލާ އަމާޒުކޮށް ފޮނުވާލިި ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 61 ވަނަ މިނެޓުގައެވެ. އެގޮތުން އެ ޓީމުގެ އަމީން ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މި މެޗުގެ 64 ވަނަ މިނެޓުގައި ރާއްޖެއިން ޒުވާން ކުޅުންތެރިޔާ ނައްސާހު އިބްރާހީމް ނާސިރު ކުޅެން އެރުވިއިރު، މިއީ އޭނާ ގައުމީ ސީނިއަރ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. ބަދަލުތަކަކާއެކު ރާއްޖެއިން ކުޅުން އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 68 ވަނަ މިނެޓުގައި އޭރިއާ ބޭރުން އިބްރާހީމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އަފްޣާނިސްތާނުގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މި މެޗުގައި އަފްޣާނިސްތާނުން ލީޑު ނަގާފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި ރޯމަން ފާޒީއެވެ. އެއާއެކު ރާއްޖެއިން ވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވާފައެވެ. މިއީ ގައުމީ ޓީމަށް ދަގަނޑޭ ކުޅެދިން 100 ވަނަ މެޗެވެ.
މި މެޗުގެ އިތުރު ވަގުތުގައި އަފްޣާނިސްތާނަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން އެ ޓީމުގެ ގަމަރުއްދީން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލުގައި ބައްދަލުކުރާ ގޮތަށެވެ. މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހެވެ. އެ ދުވަހުގެ ހަވީރު ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރާއިރު، އެރޭ ކުޅޭ މެޗުގައި އަފްޣާނިސްތާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.