ENGLISH

29 މޭ 2026

Advertisement

ވިހި އެޑިޔުކޭޝަނަލް އެކްސެލަންސް ސެންޓަރުގައި ވެލްބީން ޔުނިޓްތަކެއް ގާއިމުކުރަނީ

29 މޭ 2026

|

އައިމިނަތު ޝަފާ

ވިހި އެޑިޔުކޭޝަނަލް އެކްސެލަންސް ސެންޓަރުގައި "ވެލްބީން ޔުނިޓް" ތަކެއް ގާއިމްކުރުމުގެ މަސައްކަތް ތައުލީމީ ވުޒާރާއިން ފަށައިފިއެވެ.

މި ޔުނިޓްތައް ހަދަން ނޭޝަނަލް ކޮންސަލްޓަންޓެއް ހޯދަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ވުޒާރާއިން ވަނީ ހުޅުވާލައިފަ އެވެ.

އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ކޮންސަލްޓަންޓްގެ އެހީގައި ސްކޫލް ވެލްބީންގ ޔުނިޓްތައް ޤާއިމުކޮށް އެ ޔުނިޓްތައް އުފެއްދުމުގައި ފަސޭހަ އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވޭނެ ފުރުޞަތު ފަހިވެގެންދާނެ އެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނެސް ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ދަރިވަރުންނާއި ޓީޗަރުން ހޭލުންތެރި ކުރުވުމުގެ މުހިންމު ކަމަށާއި ސްކޫލުތަކަކީ ކުދިންނަށް ރަނގަޅު ތަފާތު ހުނަރުތަކާއި ދުޅަހެޔޮ ދިރިއުޅުމެއް ދަސްކޮށްދޭނެ ތަނަކަށް ވެލްބީން ޔުނިޓްތައް ވާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކުގައި އަދިވެސް ބައެއް ފަރާތްތަކުން ފަސްޖެހޭތީ، އެކަން ތަންފީޒު ކުރަން ޖެހިފައި ވަނީ ނާޒުކު އަދި ރޭވުންތެރި ގޮތެއްގައިކަން ވެސް ފާހަގަކޮށްފައިވެއެވެ.

ތައުލީމީ ވުޒާރާއިން ކުރިއަށް ގެންދާ "ސިސްޓަމް ޓްރާންސްފޯމޭޝަން ގްރާންޓް" ގެ ދަށުން ސްކޫލުތަކުގައި ޤާއިމްކުރާ ވެލްބީން ޔުނިޓްތައް ޤާއިމުކުރުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ކުދިންގެ ހުނަރު ދަސްކޮށްދިނުމާއި، ބޭނުންވެއްޖެ ހިނދެއްގައި ދަރިވަރުން ނަފްސާނީ ދުޅަހެޔޮކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން މައިންޑްފުލްނެސް ޕްރެކްޓިސް ކުރުމަށް ޚާއްޞަ ޖާގަތަކެއް ސްކޫލު މާޙައުލުތަކުގައި ޤާއިމުކުރުމާއި، ތަފާތު އެކި އުނދަގޫތައް ތަހައްމަލު ކުރަމުންދާ ދަރިވަރުންނާއި ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިން- ސްކޫލް ރެފަރަލް މެކޭނިޒަމެއް ޤާއިމުކުރުމެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅެއްގައި ގާއިމްކޮށްފައިވާ ސެންޓާ ފޯ އެޑިއުކޭޝަނަލް އެކްސެލެންސް މެދުވެރިކޮށެވެ. ކޮންމެ ސެންޓަރެއްގައި ވެލްބީންގ ސަޕޯޓް ޔުނިޓެއް ޤާއިމުކޮށް، ސްކޫލުތަކުގައި ހިންގާ ވެލްބީން ޔުނިޓްތަކަށް ބޭނުންވާ އިރުޝާދާއި މެންޓާޝިޕް އަދި ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމަށް ނަފްސާނީ ބަލިތަކަށް ޤާބިލު ޕްރޮފެޝަނަލުންތަކެއް މަސައްކަތް ކުރާނެ ކަމަށް ތައުލީމީ ވުޒާރާއިން ބުނެފައި ވެއެވެ.

ސެންޓާ ފޯ އެޑިއުކޭޝަނަލް އެކްސެލެންސްއަށް ބޭނުންވާ ސާމާނު ހޯދަން ތައުލީމާ ބެހޭ ވުޒާރާއިން ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު