ENGLISH
29 މޭ 2026
އިންޑިއާއަށް ދާއިރު ސެލްފް ޑެކްލަރޭޝަން ފޯމް މިހާރު ހުށަހަޅަންޖެހޭނެ
29 މޭ 2026
|
އެންމެ މަޤްބޫލު
އިންޑިއާއަށްް ދަތުރުކުރުމުގެ ކުރިން ސެލްފް ޑިކްލަރޭޝަން ފޯމް ފުރަންޖެހޭ ގޮތަށް އެ ގައުމުގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހަމަޖައްސައިފި އެވެ.
މިގޮތަށް ކަނޑައެޅީ ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅުމާ ގުޅިގެން، އަމަލުކުރުމަށް ޑީޖީސީއޭއިން އެއާލައިންތަކުން ކަނޑައެޅި އެސްއޯޕީއެއްގަ އެވެ.
މި އެސްއޯޕީގެ ދަށުން ފްލައިޓްތަކުގެ ތެރޭގައި ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން އެންގުމާއި، ފަސިންޖަރުން އަމިއްލައަށް ސިއްހީ ހާލަތު ބަޔާންކުރާ "ސެލްފް-ޑެކްލަރޭޝަން" ފޯމު ފުރުން ވަނީ މަޖުބޫރުކޮށްފަ އެވެ.
އިންޑިއާގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ވަނީ މިކަން ފަސިންޖަރުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. ސެލްފް ޑެކްލަރޭޝަން ފޯމް (އެސްޑީއެފް) މޯލްޑިވިއަންގެ ވެބުސައިޓުން ލިބޭއިރު މި ފޯމު ފުރުމަށް ފަހު، ހުށަހަޅަން ޖެހޭނީ އިންޑިއާއަށް ގޮސް އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ.
މި ބަލިމަޑުކަމަކީ ބަންޑިބުގްޔޯ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބައްޔެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ ކުރީކޮޅު ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 މީހަކު ފެނިފައިވެއެވެ. ބަލި ޖެހިގެން 80 މީހުން މަރުވެފައިވާކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
މިއީ 1976 ވަނަ އަހަރު މި ވައިރަސް ފުރަތަމަ ފެނުނު ފަހުން ކޮންގޯގައި ރިޕޯޓުކުރެވުނު 17 ވަނަ އެބޯލާ އައުޓްބްރޭކެވެ.
މިހާރު މި ބަލި ވަނީ ކޮންގޯގެ ބޯޑަރު ހުރަސްކޮށް ޔުގެންޑާއަށް ފެތުރިފަ އެވެ. އެގައުމުގެ ކަމްޕާލާއިން ބަލި ޖެހިފައިވާ މީހުން ފެނިފައިވެއެވެ. އަދި ކޮންގޯގެ ވެރިރަށް ކިންޝާސާ އިން ވެސް ބަލި ޖެހިފައިވާ މީހަކު ފެނިފައިވެއެވެ.
މި ބަލި ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާއިރު ބަލި ހުރިތޯ ބެލުމަށް ހަދަމުން އަންނަ ފުރަތަމަ ޓެސްޓުތަކުގެ ނަތީޖާ ޕޮޒިޓިވްވާ މިންވަރު ދަނީ މަތިވަމުންނެވެ. އަދި ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެބޯލާގެ އެހެން ބާވަތްތަކާ ހިލާފަށް، ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.