ENGLISH

29 މޭ 2026

Advertisement

ޑައިވިން ހާދިސާ ހިނގި ހޮހަޅައިގެ ވީޑިއޯ ފުރަތަމަ ފަހަރަށް އާންމުކޮށްފި

29 މޭ 2026

|

އައިމިނަތު ޝަފާ

އިޓަލީގެ ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާ ހިނގި ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ހޮހަޅައިގެ އެކްސްކްލޫސިވް ވީޑިއޯ ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.

ހޮހަޅައިގެ އެކްސްކްލޫސިވް ވީޑިއޯ އާންމުކޮށްފައި ވަނީ ރޭ ރާއްޖެ ގަޑިން 12 ޖެހި އިރެވެ. 

މި ވީޑިއޯއަކީ "ޑޭން ޔޫރަޕް ފައުންޑޭޝަން" ގެ އެހީތެރިކަމާއެކު ހަށިގަނޑުތައް ނެގުމުގައި ހަރަކާތްތެރިވި ފިންލޭންޑްގެ ރެސްކިއު ޓީމުގެ ޑައިވަރުން ނަގާފައިވާ ވީޑިއޯއެކެވެ. 

ހޮހަޅައިގެ ތެރެއަށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިތައް ނެގުމަށް "ޑޭން ޔޫރަޕް ފައުންޑޭޝަން"އިން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ނެގި ހޮހޮޅައިގެ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އާންމުކުރީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު ޖުމްލަ ހަ ފޮޓޯއެއް އާއްމުކުރި އެވެ. 

ފޮޓޯތައް އާންމު ކުރިތާ ހަ ދުވަސް ފަހުން "ރައިނިއުސް" އިން ވަނީ އެ ހޮހޮޅައިގެ ވީޑިއޯ ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ. 

މި ވީޑިއޯއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރެސްކިއު ޑައިވަރު ސާމީ ޕަކަރިނެން އިއްޔެ ބުނީ، މަރުވި ޑައިވަރުންގެ ހަށިތައް ފެނުނީ ޗާޓުގައި ނެތް، އަދި ދާން ނުޖެހޭ ފަދަ ފުން ހިސާބަކުން ކަމަށެވެ. ގާތްގަނޑަކަށް 60 މީޓަރު އަޑީގައިވާ މި ހޮހަޅައިގެ ތެރެއަށް އެމީހުން ވަދެފައިވާކަން އެނގުނީ ވެލިގަނޑުގައި ހުރި ނިޝާންތަކަކުން ކަމަށް އޭނާ ބުންޏެވެ. އަދި ކުރިމަގުގައި މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި އެ ހޮހަޅަ ރަނގަޅަށް މެޕްކުރުމަށް އަލުން ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އިޓަލީގެ ރޯމް ޕްރޮސެކިއުޓާސް އޮފީހުން ދަނީ މީހުން މަރުވުމުގައި އިހުމާލެއް އޮތްތޯ ބަލަމުންނެވެ. 

މި ހާދިސާގައި މަރުވެފައިވަނީ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (23އ) އާއި، ރިސާޗަރ މުރިއެލް އޮޑެނީނޯ (31އ) އާއި، ފެޑެރީކޯ ގުއަލްޓިއޭރީ (30އ) ގެ އިތުރުން "ޑޫކް އޮފް ޔޯކް" ސަފާރީގެ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) އެވެ.

މަރުވި މީހުންގެ ވަގުތީ އޮޓޮޕްސީ ރިޕޯޓުތަކުން ދައްކަނީ އެމީހުން މަރުވާން މެދުވެރިވީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ނުލިބިގެންނެވެ. 

މި ހާދިސާގައި މަރުވި މީހުންގެ ޖަނާޒާގެ ކަންކަން އިއްޔެއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އެކި ގަޑިގަޑިއަށް ތާވަލުކޮށްފައި ވެއެވެ. 

ކިޔުންތެރިންގެ ހިޔާލު