ENGLISH

29 މޭ 2026

Advertisement

ސާފް ވިމެންސް ޗެމްޕިއަންޝިޕް: ޗެމްޕިއަން ބަންގްލަދޭޝް ކައިރީގައި ރާއްޖޭން ދެއްކީ ތަޢުރީފް ޙައްޤު ކުޅުމެއް

29 މޭ 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން

މިހާރު ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި މިދިޔަ ދެ އަހަރުގެ ޗެމްޕިއަން، ބަންގްލަދޭޝްއާ ދެކޮޅަށް ތަޢުރީފު ޙައްޤު ކުޅުމެއް ދައްކައިފިއެވެ.

މި މެޗުގައި ރާއްޖޭން ފަހަތުން އަރައި 2-2 އިން އެއްވަރުކުރިނަމަވެސް، ބަންގްލަދޭޝް މޮޅުވީ 4-2 އިންނެވެ.

މި ނަތީޖާއާއެކު، ގްރޫޕް ބީ ގައި ހިމެނޭ އިންޑިއާގެ އިތުރުން ބަންގްލަދޭޝް ވަނީ ބާކީ މެޗެއް އޮއްވާ، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މި ގްރޫޕުގައި ބާކީ އޮތީ އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗެވެ. ގްރޫޕުގެ އެއްވަނަ ޓީމު ކަށަވަރުވެގެންދާނީ މި މެޗުންނެވެ.

އިންޑިއާގެ ގޯއާގައި ހުންނަ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ބަންގްލަދޭޝް އިން ވަނީ ލީޑުނަގައިފައެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އަނީކާ ރާނިއާ ސިއްދީޤު އެވެ.

މުބާރާތުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ރާއްޖޭގެ ކުޅުންތެރިން. ފޮޓޯ: ސާފް

މެޗުގެ 34 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ދެވަނަ ލަނޑުޖަހައިދިނީ އުމެހްލާ މަރްމާ އެވެ. މި ނަތީޖާގައި އޮވެ، ހާފު ނިމެންދަނިކޮށް ރާއްޖޭގެ މަރިޔަމް ނޫރާ ވަނީ ލަނޑުޖަހައިދީ، ފަރަގު ކުޑަކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 12 ވަރަކަށް މިނެޓުގެ ތެރޭގައި ރާއްޖޭން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ރާއްޖެ އަށް މި ލަނޑުޖަހައިދިނީ އާމިނަތު ފަޒްލާ އެވެ.

އޭގެފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ބަންގްލަދޭޝް އަށް އަލުން ލީޑުނަގައިދިނީ ސައުރަވީ އަކަންޑާ ޕްރިތީ އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކޮހާޓީ ކިސްކޫ ވަނީ ބަންގްލަދޭޝްގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ސާފް

ސަތާރަ އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު، ސޮބާހު މުޙައްމަދު (ސޮބާ) ގެ އިރުޝާދުގެ ދަށުން މި ފަހަރުގެ ސާފް މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުން ވަނީ މެޗަކަށްފަހު މެޗެއްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ރާއްޖޭގެ އަންހެން ޓީމުން ފުރަތަމަ މެޗުގައި އިންޑިއާ އަތުން 11-0 ގެ ނަތީޖާއަކުން ބަލިވިނަމަވެސް، މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ބަންގްލަދޭޝްއާ ދެކޮޅަށް ވަނީ ހިތްވަރުގަދަ ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

ކިޔުންތެރިންގެ ހިޔާލު