ENGLISH

29 މޭ 2026

Advertisement

20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ، މިޔަންމާ، ސްރީ ލަންކާ އަދި ބްރޫނާއީ ދާރުއްސަލާމް އެއް ގްރޫޕަކަށް

29 މޭ 2026

|

މުޙައްމަދު އަދުހަމް

20 އަހަރުން ދަށުގެ ސާފް މުބާރާތުގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ސާފް

އަންނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި މިޔަންމާއާއި ސްރީ ލަންކާގެ އިތުރުން ބްރުނާއީ ދާރުއްސަލާމްއާއެކު ގްރޫޕް ކޭގައި ރާއްޖެ ހިމެނިއްޖެއެވެ.

މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ހުންނަ އޭއެފްސީ ހައުސްގައި ބުރާސްފަތި ދުވަހު ގުރުއަތުލުން ކުރިއަށްގެންގޮސްފައިވާއިރު، 2027 ވަނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކޮލިފައިން ބަހާލާފައިވަނީ ދެ ފޭސް އަކަށެވެ. އެއީ، ކޮލިފިކޭޝަން ފޭސް އާއި ޑިވެލޮޕްމަންޓް ފޭސް އެވެ.

އެގޮތުން، މުބާރާތުގެ ކޮލިފިކޭޝަން ފޭސްގައި މަތީ ރޭންކުގެ ޤައުމުތަކުން ވާދަކުރުމަށް ހަމަޖެހިފައިވާއިރު، ޑިވެލޮޕްމަންޓް ފޭސްގައި ފެނިގެންދާނީ ދަށް ރޭންކުގެ ޤައުމުތަކެވެ.

މުބާރާތުގެ ކޮލިފައިންގެ ކޮލިފިކޭޝަން ފޭސްގައި ހިމެނެނީ 32 ޓީމެވެ. މި ޓީމުތައް ބަހާލާފައިވަނީ ގްރޫޕް އޭ އިން ފެށިގެން ގްރޫޕް އެޗް އަށެވެ. ޑިވެލޮޕްމަންޓް ފޭސްގައި ހިމެނޭ 12 ޓީމު ނިސްބަތްވަނީ ގްރޫޕް އައި އިން ފެށިގެން ގްރޫޕް ކޭ އަށެވެ.

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގ ބުރުގެ ގްރޫޕްތައް ބެހިފައިވާގޮތް. ފޮޓޯ: އޭއެފްސީ

އޭއެފްސީގެ ކޮލިފައިންގެ އޮނިގަނޑަށް މި ފަހަރު ގެނައި ބަދަލުތަކާއެކު ތަޢާރަފްކޮށްފައިވާ އައު ފޯމެޓާއެކު ބައިވެރިވެފައިވާ ޓީމުތަކުގެ ފެންވަރާ އެއްވަރުގެ ޓީމުތަކާއެކު ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުޞަތު ލިބޭނެ އެވެ. މި ފަހަރުގެ ކޮލިފައިންގ ބުރު ފަރުމާކޮށްފައިވަނީ، ޕްރޮމޯޝަން އަދި ރެލިގޭޝަން ނިޒާމެއް ހިމެނޭ ދެ މަރުހަލާއެއްގެ މައްޗަށް އެކުލެވޭ ގޮތަށެވެ.

ކޮލިފިކޭޝަން ފޭސްް ކުރިއަށްދާގޮތަށް ބަލާއިރު، ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށް ބަހާލާފައިވާ އަށް ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމުތަކުގެ އިތުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ޓީމުތަކުގެ ތެރެއިން ހަތް ޓީމަކަށް އަންނަ އަހަރު ޗައިނާގައި ކުރިއަށްދާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ފައިނަލް މުބާރާތުން ޖާގަ ލިބޭނެ އެވެ.

މީގެއިތުރުން، ކޮލިފިކޭޝަން ފޭސްގެ ކޮންމެ ގްރޫޕެއްގެ އެންމެ ފުލަށް ދާ ޓީމެއް، ޖެހިގެން އަންނަ އަހަރުގެ ޑިވެލޮޕްމަންޓް ފޭސް އަށް ރެލިގޭޓްވާނެ އެވެ. އަދި، މި ފަހަރުގެ ކޮލިފައިންގ ބުރުގެ ޑިވެލޮޕްމަންޓް ފޭސްގައި ހިމެނޭ ގްރޫޕްތަކުގެ އެއްވަނަ އާއި ދެވަނަ މަޤާމު ހާސިލްކުރާ ޓީމުތަކަށް އަންނަ އަހަރުގެ ކޮލިފިކޭޝަން ފޭސް އިން ޖާގަ ލިބޭނެ އެވެ.

މި އަހަރުގެ އޮގަސްޓް 25 އިން ސެޕްޓެންބަރު 6 ގެ ނިޔަލަށް ސެންޓްރަލައިޒްޑްކޮށް ލީގު އުސޫލުން ކޮލިފައިންގ ބުރު ކުރިއަށްދާއިރު، ޑިވެލޮޕްމަންޓް ފޭސްގައި ހިމެނޭ ރާއްޖެ އޮތް ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިޔަންމާ ގައެވެ.

ކިޔުންތެރިންގެ ހިޔާލު